ދުނިޔެ

ޤަވާޢިދާ ޚިލާފަށް ހިޖުރަކުރާ މީހުންގެ މައްސަލައަށް ހައްލު ހޯދަނީ


ޤަވާޢިދާ ޚިލާފަށް ހިޖުރަކުރުމާއި، ހިޖުރަކުރާ މީހުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެމެރިކާ ބައްރުގެ ޤައުމުތަކުން ތައްޔާރުވާން ފަށައިފިއެވެ. އެމެރިކާގެ ކެލިފޯނިޔާގައި މިހާރު ކުރިއަށްދާ އެމެރިކާ ބައްރުގެ ޤައުމުތަކުގެ ސަމިޓުގައި މި ކަމާ ގުޅޭ ކަރުދާހެއް ހުށަހަޅައި، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ޤަވާޢިދާ ޚިލާފަށް ހިޖުރަކުރާ މީހުންގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް އެ ކަރުދާހުގައި ހުށަހަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބޭންކުތައް މެދުވެރިކޮށް އެ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި، ހިޖުރަކުރާ މީހުންނަށް އަސާސީ ޚިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ ކަރުދާހުގައި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެމެރިކާ ބައްރުގެ ޤައުމުތަކުގައި އަމަން ބެލެހެއްޓުމަށް ޓަކައި ފުލުހުންގެ ދައުރު އިތުރަށް ހަރުދަނާ ކޮށް ފުޅާ ކުރުމާއި، ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުން އިތުރުކުމާއި ވިސާގެ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ.

އެމެރިކާއިން ދާދިފަހުން ވަނީ، އެ ޤައުމަށް ހިޖުރަކުރާ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ޕުރޮގުރާމުތަކެއް ތަޢާރުފު ކޮށްފައެވެ. މީގެ ތެރެއިން އެއް ޕުރޮގުރާމަކީ، އެ ޤައުމަށް ހިޖުރަކުރާ މީހުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން ވަޒީފާ ހޯދައިދިނުމަށް ފަށާފައިވާ 65 މިލިޔަން އެމެރިކާ ޑޮލަރުގެ ޕުރޮގުރާމެކެވެ.