ދުނިޔެ

ތެލުގެ މައްސަލާގައި ހިޒްބުﷲގެ އިންޒާރުތަކެއް އިސްރާޢީލަށް


ލުބުނާނުގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅޭ އިސްރާޢީލުގެ ތެޔޮ އުފައްދާ އުޅަނދެއް ހުއްޓުވާނެ ކަމަށް ބުނެ ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހިޒްބުاللهއިން އެ ޤައުމަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ. "އެނަރޖިއަން" ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އެ އުޅަނދު މިހާރު އޮތީ މިލްކުވެރިކަމާ މެދު ލުބުނާނާއި އިސްރާޢީލާ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަނޑުގެ ސަރަޙައްދެއްގައެވެ.

ތެލާއި ގޭސް މުއްސަނދި އެ ސަރަޙައްދުގެ މިލްކުވެރިކަން ހޯދަން ދެ ޤައުމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އުޅަނދު މިހާރު މަސައްކަތް ފަށާފައި ވަނީ އެ ސަރަޙައްދުގެ ކަނޑުގެ އަޑިން ތެލާއި ގޭސް އުފެއްދުމަށެވެ. އަދި، މި އަހަރުގެ ފަހުކޮޅު އެ ތަނުން ތެލާއި ގޭސް އުފަންދަން ފަށާނެ ކަމަށް އިސްރާޢީލުން ބުނެއެވެ. އެ ސަރަޙައްދުގެ މުއްސަނދިކަމުގެ ނަފާ ހޯދުމަކީ ދެ ޤައުމުގެ ވެސް އަމާޒެކެވެ.

ހިޒްބުاللهގެ ވެރިޔާ ސައްޔިދް ޙަސަން ނަޞްރުالله ބުނީ އެ އުޅަނދުގެ މަސައްކަތްތައް ހުއްޓުވަން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، މި ކަން ޞުލްޙަވެރިކަމާ އެކު ޙައްލު ނުކުރެވިއްޖެ ނަމަ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ ކުރަން ވެސް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައި އޭނާ ބުންޏެވެ. "އެނަރޖިއަން" ކުންފުންޏަށް ވެސް އޭނާގެ އިންޒާރުތައް އަމާޒު ކުރިއެވެ. އިސްރާޢީލުގެ އަމަލުތަކަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެނަރޖިއަން ކުންފުންޏަކީ އެ އަމަލުތަކުގެ ބައިވެރިއެއްގެ ގޮތުގައި ހިޒްބުالله އިން ދެކޭ ކަމުގައި އޭނާ ބުންޏެވެ.

މެޑިޓެރޭނިއަން ކަނޑުގެ މި ސަރަޙައްދުގެ މިލްކުވެރިކަމާ މެދު ލުބުނާނާއި އިސްރާޢީލާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމަށް އެމެރިކާއިން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ މުޝީރު އޭމޯސް ހޮޗްސްޓީން ދާދި ފަހުން ވަނީ، ލުބުނާނަށް ހައްލުތަކެއް ހުށަހަޅާފައެވެ. ނަމަވެސް، އެ ޤައުމުން އަދި މި ހުށަހެޅުންތައް ބަލައިގަނެފައެއް ނުވެއެވެ.