ޚަބަރު

ރަށްރަށުގެ ސްޓެލްކޯގެ އިންޖީނުގެތަކުގެ ފުރާޅުތަކަށްވެސް ސޯލާ ޕެނަލް


ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ ބިޔަ މަޝްރޫޢެވެ. މީގެދަށުން މާލެއާއި ރަށްރަށުގައި ލިބެންހުރި ޖާގަތަކުގައި ސޯލާޕެނަލް ހަރުކޮށް ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގައި އުފައްދާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެއް ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއެވެ. އެކުންފުނިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ މައިގަނޑު ގޮތެއްގައި މާލެ ސަރަޙައްދަށް ނަމަވެސް މާލެ ހިމެނޭހެން ރާއްޖޭގެ 35 ރަށަކަށް އެކުންފުނިން އަންނަނީ ކަރަންޓުގެ ޚިދުމަތް ފޯރުވައިދެމުންނެވެ. އެގޮތުން މިރަށްރަށުގައި ހުރި އެކުންފުނީގެ އިންޖީނުގެތަކުގައި ސޯލާޕެނަލް ހަރުކޮށް އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. މީގެ ދަށުން މިދިޔަ ހަފްތާގައި އެކުންފުނިންވަނީ އިތުރު 2 ރަށެއްގެ އިންޖީނުގޭގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމާލާފައެވެ. އޭގެތެރޭގައި ހިމެނެނީ އއ. ފެރިދޫ އާއި އެއަތޮޅު ބޮޑުފުޅަދޫއެވެ.

އަށްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެރިދޫގެ އިންޖީނުގޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފެރިދޫ ކައުންސިލާއި ގުޅިގެންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢިލް ޝާހް ވިދާޅުވީ މި ޕްރޮޖެކްޓަކީ މިހާތަނަށް ރަށަށް ފައިދާ ވާނެހެން ކުރިއަށްގެންދަވާފައިވާ އެއް މަޝްރޫޢުކަމަށެވެ.

ސްޓެލްކޯގެ އިންޖީނުގޭގައި ސޯލާހަރުކުރުމުގެ މަސައްކަތް ނިމިފައިވާ އަނެއް ރަށަކީ އއ.ބޮޑުފުޅަދޫއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބޮދުފުޅަދޫ ކައުންސިލުން ވިދާޅުވީ ސްޓެލްކޯގެ މިމަޝްރޫޢާއެކު ސްޓެލްކޯއިން ހަކަތައަށް މިހާތަނަށް ކުރި ހޭދަ ކުޑަވެގެންދާނެކަމަށެވެ. އެހެންނަމަވެސް މީގެ ސީދާ މަންފާ ރައްޔިތުންނަށް އަދި ނުކުރާކަމަށެވެ. އަދި ސްޓެލްކޯއިން ގޭބިސީތަކުގައި ސޯލާ ހަކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިޔަނަމަވެސް އެކަމަށް ރައްޔިތުން އަދިއެހާބޮޑަށް ހޭލުންތެރިވެ އެމަޝްރޫޢަށް އެހާބޮޑު ތަރުހީބެއް އަދި ނެތްކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ސޯލާއިން ހަކަތަ އުފެއްދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ހަކަތަ ރައްކާކުރެވޭނެ ނިޒާމު އަދި ފުޅާވެފައެއް ނުވެއެވެ. އެހެންކަމުން މިހާރު ޖެހެނީ ހަކަތަ އުފެއްދޭ ނިސްބަތުން ސީދާ ކަރަންޓު ގްރިޑަށް ވަންނަ ގޮތަށް ހަދާށެވެ. ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށްޓަކާ 2021 ވަނަ އަހަރުވަނީ ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު އެކުލަވާލާފައެވެ. އަދި މާލެއާއި އަތޮޅުތެރޭގައި ޢާއްމުންނަށް ހަކަތަ ފޯރުކޮށްދެމުން އައި ރޭޓުތައްވަނީ އެއްހަމަކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ހަކަތައަކީ ތިމާވެއްޓާ ރައްޓެހި އެއްޗަކަށް ހަދާ ހަކަތަ އުފެއްދުމަށް ތެލަށް ކުރަމުން އަންނަ ހޭދަ ކުޑަކުރުމެވެ. މިގޮތުން މިހާތަނަށް ރާއްޖޭގައި އުފައްދާ 36.5 މެގަވޮޓްގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ސަރުކާރުންވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުންވެސް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި އަންނަނީ ހިންގަމުންނެވެ.