މެދުކަނޑާލާފައި އޮތުމަށްފަހު ވިލިމާލެ ހޮސްޕިޓަލްއިން އަލުން ތުއްތު ކުދިންނަށް ވެކްސިންދޭން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބެލުމުގެދަށުންނެވެ.
ވިލިމާލެ ހޮސްޕިޓަލްގައި ދުވަސް ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް ފެންމަތިވީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.
މިއާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ދިނުން އޮތީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މި މައްސަލަ ބެލުމަށްފަހު އައިޖީއެމްއެޗުން މިހާރު މިވަނީ އަލުން ވިލިމާލެ ހޮސްޕިޓަލްގައި ވެކްސިން ދޭން ފަށާފައެވެ. އަލުން ވެކްސިން ދޭން ފަށާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އިރުޝާދާވެސް އެކުއެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ އައިޖީއެމްއެޗާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތަހުޤީޤުކޮށްފައިވާކަމަށެވެ. އައިޖީއެމްއެޗުން ބުނީ މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި، ވެކްސިން ދިން މުވައްޒަފަށްވަނީ ފިޔަވަޅު އަޅާފައެވެ. ދުވަސްހަމަވެފައިވާ ވެކްސިން ޖެހި ކުދިން ވަކި މުއްދަތެއްވުމުން އަލުން ވެކްސިން ޖަހަން ޖެހޭނެއެވެ.