ދުނިޔެ

އުތުރު ކޮރެޔާއިން އިތުރު ނިއުކްލިއަރ ޓެސްޓަކާއި ދިމާލަށް


އުތުރު ކޮރެޔާއިން އިތުރު ނިއުކްލިއަރ ޓެސްޓެއް ހެދުމުގެ ތައްޔާރީތައް ވަމުންދާ ކަމުގައި އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އުތުރު ކޮރެޔާއަށް ކަނޑައަޅާފައި ހުންނަ ސްޕެޝަލް އެންވޯއީ ސަންގ ކިމް ވިދާޅުވީ، އުތުރު ކޮރެޔާއިން އެ ޤައުމުގެ ހަތްވަނަ ނިއުކްލިއަރ ޓެސްޓު ހެދުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި، މަޝްވަރާގެ މޭޒަށް އައުމުގެ އެއްވެސް ޚިޔާލެއް ނުގެންގުޅޭ ކަމުގައެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ޓެސްޓުތަކެއް ހަދާފައިވެއެވެ. ކިމް ވިދާޅުވީ، މިއީ ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ކުރަމުންދާ ތައްޔާރީތަކުގެ ދަށުން ހަދާފައިވާ މިސައިލް ޓެސްޓުތަކެއް ކަމުގައެވެ. އަދި، އުތުރު ކޮރެޔާ މި ވަގުތު އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށާއި، ކޮންމެ ވަގުތަކު ވެސް ނިއުކްލިއަރ ޓެސްޓު ހަދާފާނެ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

އުތުރު ކޮރެޔާއިން އިތުރު ނިއުކްލިއަރ ޓެސްޓެއް ހަދައިފިނަމަ، އެމެރިކާއާއި ހުޅަނގުން އިސްނަގައިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އަޅާނީ ކޮން ފިޔަވަޅުތަކެއް ކަން އަދި ސާފެއް ނޫނެވެ. މީގެ އިތުރުން، ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިކަން ހޯދުމަށް ވެސް އުތުރު ކޮރެޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ.