ދުނިޔެ

ވޯލްޑް ބޭނުންކުން ޔުކްރޭނަށް 1.4 ބިލިއަން ޑޮލަރު ދެނީ


ޔޫކްރެއިނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޤައުމަށް އިތުރު 1.49 ބިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ. މި ފައިސާއަކީ، ޔޫކްރެއިނަށް އަރައި ރަޝިޔާގެ ސިފައިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދޭ ފައިސާއެކެވެ.

ވޯލްޑް ބޭންކުން ބުނީ، މި ފައިސާ ޚަރަދު ކުރެވޭނީ ޔޫކްރެއިންގެ ސަރުކާރު މުވައްޒަފުންނަށާއި އިޖުތިމާޢީ މަސައްކަތް ކުރާ މީހުންނަށް މުސާރަ ދިނުމަށް ކަމުގައެވެ. މި ފައިސާއާ އެކު އެ ބޭންކުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ މާލީ އެހީގެ އަދަދު 4 ބިލިޔަން ޑޮލަރަށް އަރާނެއެވެ. އެ ޤައުމަށް އިތުރު 1.49 ބިލިޔަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ނިންމާފައި މި ވަނީ އިނގިރޭސި ވިލާތާއި ނެދަލެންޑްސާއި ލިތުއޭނިޔާ އަދި ލެޓްވިޔާގެ އެހީތެރިކަމާ އެކުގައެވެ.

ޔޫކްރޭނުން ބުނަނީ އެ ޤައުމުގެ ސަރުކާރު ހިންގުމަށް މަހެއްގެ މައްޗަށް 5 ބިލިޔަން ޑޮލަރު ބޭނުންވާ ކަމުގައެވެ. ސަބަބަކީ، ރަޝިޔާ ސިފައިން އެ ޤައުމަށް އަރާ ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ އިޤްތިޞާދީ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ހިމެނޭ "ޖީ-ސެވަން" އިން ވެސް ވަނީ ޔޫކްރެއިންއަށް މާލީ ގޮތުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމަށް 9.5 ބިލިޔަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. މިއާއެކު، ޖީ-ސެވަންގެ ޤައުމުތަކުން އަސްކަރީ އެހީގެ އިތުރަށް ޔޫކްރެއިންއަށް ދީފައިވާ ފައިސާގެ އެހީގެ އަދަދު 20 ބިލިޔަން ޑޮލަރަށް އަރާނެއެވެ.