ދުނިޔެ

އިސްރާޢީލުން ޣައްޒާ އަޅުވެތި ކުރާތީ އ.ދ.ގެ ތަހުޤީޤެއްގެ ނުރުހުން


ޣައްޒާއަކީ މުސްލިމުންގެ ބިމެކެއެވެ. ނަމަވެސް، އެ ތަނަށް އަތްގަދަކޮށް އިސްރާޢީލުގެ އިސްތިއުމާރީ ސިފައިން ދަނީ އިންސާނިއްޔަތާ ޚިލާފު އެތަކެއް އަމަލުތަކެއް ހިންގަމުންނެވެ. އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކުރަމުންނެވެ. ދާދިފަހުން އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން އިސްނަގައިގެން ހެދި ތަހުޤީޤަކުން މި ވަނީ މި އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި، ޢައްޒާ އަޅުވެތިކުރުން ނިމުމަކަށް ގެނައުމަށް ގޮވައިލާފައެވެ.


މުސްލިމުންގެ ބިމެއް ކަމުގައިވާ ޣައްޒާއަށް އިސްރާޢީލުން އަތްގަދަކޮށް، އެ ތަނުގެ ރައްޔިތުން އަޅުވެތި ކުރަމުންދާތީ، އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން އިސްނަގައިގެން ހިންގި މިނިވަން ތަހުޤީޤުގައި ވަނީ އިސްރާޢީލަށް ނުރުހުން އަމާޒުކޮށްފައެވެ. މި ތަހުޤީޤު ހިންގާފައި ވަނީ މިދިޔަ އަހަރު އިސްރާޢީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއަށް އަރައި ހިންގި އުދުވާންތަކާ ގުޅިގެންނެވެ. ތަހުޤީޤަށް ފަހު އެ އިދާރާއިން ނެރުނު ރިޕޯޓުގައި، ޢައްޒާއިން ފައިބާ، އެ ތަނުގެ ރައްޔިތުން މިނިވަން ކުރުމަށް ގޮވައިލާފައިވެއެވެ.

ޣައްޒާގެ ރައްޔިތުން އަޅުވެތިކަމުން މިނިވަންކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ރިޕޯޓުގައި ގޮވައިލާފައިވެއެވެ. އަދި، ޣައްޒާ މިނިވަން ކުރުމަށް އިސްރާޢީލުން ބޭނުންނުވާކަމާއި، ޣައްޒާގައި ފުރިހަމަ ބާރު ޤާއިމުކުރުމަށް އިސްރާޢީލުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.

މި ތަހުޤީޤުގެ މަސައްކަތް ފެށުމާ އެކު، އިސްރާޢީލުން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށް، ތަހުޤީޤު ބޮއިކޮޓް ކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ، މި ތަހުޤީޤަކީ ވަކި ފަރާތަކަށް ބުރަވެފައިވާ އެއްޗެއް ކަމުގައެވެ. އަދި، މިއީ އިސްރާޢީލާ ދެކޮޅަށް ހިންގާފައިވާ ތަހުޤީޤެއްގެ ގޮތުގައި އެ ޤައުމުން ސިފަކުރެއެވެ.

މިދިޔަ އަހަރުގެ މޭ މަހު އިސްރާޢީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއަށް އަރައި ހިންގި އިންސާނިއްޔަތާ ޚިލާފު އުދުވާނުގައި ފަލަސްތީނުގެ 250 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިއެވެ.

އެމެރިކާއިން ވެސް ވަނީ މި އުދުވާން ތަހުޤީޤު ކުރުމުން އެ ކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެމެރިކާއިން ވެސް ބުނަނީ، މި ތަހުޤީޤަކީ އެއް ފަރާތަށް ބުރަވެފައިވާ ތަހުޤީޤެއް ކަމުގައެވެ. އަދި، މިފަދަ ތަހުޤީޤުތަކަކީ ފަލަސްތީނާއި އިސްރާޢީލާ ދެމެދު ޞުލްޙަ ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކަމުގައި އެމެރިކާއިން ސިފަކުރެއެވެ.

އިސްރާޢީލުން އެންމެ ފުރަތަމަ ޣައްޒާއަށް އަރާ އެ ބިން ހިފާފައި ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައެވެ. 2005 ވަނަ އަހަރު އިސްރާޢީލުގެ ސިފައިން ޣައްޒާއިން ފޭބި ނަމަވެސް، އެ ރަށް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުން ތިބީ އަޅުވެތިކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވަނީ، އ.ދ.ގެ އިދާރާއަކުން އިސްނަގައިގެން ހިންގި ތަހުޤީޤަށް މަރުޙަބާ ކިޔާފައެވެ.