ދުނިޔެ

ކޮންގޯގެ އެންމެ ނުރައްކާތެރި ގެރިއްލާއިން އަމާންދޭން ނިންމައިފި


ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަރަކާތްތެރިވާ ގެރިއްލާ ޖަމާޢަތެއް ކަމުގައިވާ ކޮންގޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ކޯޕޮރޭޓިވް (ކޮޑޭކޯ) ގެ ހަނގުރާމަވެރިން އަމާންދީ، ޞުލްޙަވުމަށް އެއްބަސްވެއްޖެއެވެ. އެ ޖަމާޢަތުން ޞުލްޙަވާން އެއްބަސްވެފައި ވަނީ ކޮންގޯގެ ސަރުކާރާ އެކު ބޭއްވި ޞުލްޙައިގެ މަޝްވަރާތަކެއް ކާމިޔާބުވުމާ ގުޅިގެންނެވެ.

ކޮޑޭކޯއަކީ ކޮންގޯގައި ހަރަކާތްތެރިވާ ގެރިއްލާ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ޖަމާޢަތެވެ. އެ ޖަމާޢަތުން ޞުލްޙައަށް އެއްބަސްވެފައި ވީ ނަމަވެސް، މިދިޔަ މަހު ވެސް ނުރައްކާތެރި ހަމަލާތަކެއް ދީފައިވެއެވެ. މައިނެއްގައި ހަރަކާތްތެރިވަމުން ދިޔަ ޢާންމުންގެ ބަޔަކަށް އަމާޒުކޮށް ދިން މި ހަމަލާގައި 50 މީހުން މަރުވިއެވެ.

އެ ޖަމާޢަތުން ޞުލްޙަވުމަށް އެއްބަސްވެފައި މި ވަނީ، ކޮންގޯގައި ހަރަކާތްތެރިވާ ގެރިއްލާ ޖަމާޢަތްތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް އީސްޓް އެފްރިކަން ކޮމިޔުނިޓީގެ މެންބަރުން ނިންމުމާ ގުޅިގެންނެވެ. އަމާންދީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައި ވީ ނަމަވެސް، ހަތިޔާރު ތިރިނުކުރާނެ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ކޮންގޯގައި 100 އަށްވުރެ ގިނަ މި ފަދަ ގެރިއްލާ ޖަމާޢަތް ހަރަކާތްތެރިވާ ކަމަށް އެ ޤައުމުން ބުނެއެވެ.