ޚަބަރު

"ޕަވަރ ޓު ޕާރސުއޭޑް"ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި


"ޕަވަރ ޓު ޕާރސުއޭޑް" ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕްރޮގުރާމުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ އެބައެއްގެ އަމިއްލަ ކަންތައްތަކުގައި އެންމެ ބޮޑަށް ކުރިއަށްދާނީ އެބަޔަކު އަމިއްލައަށް އެކަމެއްގައި އުޅެގެން ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ބައިވެރިންނަށް ހިތްވަރުދެއްވާފައެވެ.

"ޕަވަރ ޓު ޕާރސުއޭޑް: ލީޑަރޝިޕް އެންޑް އެޑްވޮކަސީ ޓްރެއިނިނގް ފޯރ ވުމަން ވިތް ޑިސްއެބިލިޓީސް" ޕްރޮގުރާމަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމުގެ ގޮތުން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު ކެއަރ ސޮސައިޓީން ކުރިޔަށްގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމް ކުރިޔަށްގެންދަނީ އައްޑޫސިޓީއާއި، ހދ އަތޮޅާއި ލ އަތޮޅުގެ އިތުރުން މާލެ އަތޮޅަށް އަމާޒުކޮށްގެންނެވެ.

މިޕްރޮގްރާމުގެ ދަށުން ހިންގި ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕްރޮގުރާމުގައި މިއިން ކޮންމެ ސަރަޙައްދަކުން ދެ ބައިވެރިއަކު ބައިވެރިވެއެވެ. އަދި ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕްރޮގުރާމު ފުރިހަމަ ކުރާ ފަރާތްތައް އެ ހަތަރު ސަރަޙައްދުތަކުން ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 100 އަންހެނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ތަމްރީނުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެ ސަރަޙައްދުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އެފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށެވެ.

ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕްރޮގުރާމުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ޗަންޕާ ސެންޓްރަލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ޕްރޮގުރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.