ދުނިޔެ

ވިލާތުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޯޓުން ރަޝިޔާ ވަކިވަނީ


ވިލާތުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޯޓު (އީ.ސީ.އެޗް.އާރް) އިން ވަކިވުމަށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ޤައުމު ޤާނޫނު ހަދާ މަޖިލީސް ކަމުގައިވާ "ޑޫމާ" އިން ވަނީ، އީ.ސީ.އެޗް.އާރް.ގެ އިހުތިސާސުން ރަޝިޔާ ބޭރު ކުރުމަށް ބޭނުންވާ ދެ ބިލެއް ފާސްކޮށްފައެވެ. މީގެ ތެރެއިން އެއް ބިލުގައިވާ ގޮތުން މާރިޗު މަހުގެ 15 ވަނަ ދުވަހު ފަހުން ރަޝިޔާއާ ދެކޮޅަށް އެ ކޯޓުން ކޮށްފައިވާ އެއްވެސް ހުކުމެއް ތަންފީޒެއް ނުކުރެވޭނެއެވެ.

އިންސާނީ ޙައްޤަކާ ގުޅޭ އެއްވެސް މައްސަލައެއްގައި ރަޝިޔާގެ ކޯޓަކުން ކުރިއެރުމެއް ނުލިބޭ ހާލަތްތަކުގައި އެ ފަދަ މައްސަލަތައް ބަލަމުން ދަނީ އީ.ސީ.އެޗް.އާރް.އިންނެވެ. އެ ކޯޓުން ވަކިވާން ރަޝިޔާއިން ނިންމި އިރު، ވިލާތުގެ ކައުންސިލްގެ މިނިސްޓަރުންގެ ކޮމިޓީން ވަނީ ރަޝިޔާ އެ ޖަމުޢިއްޔާއިން ވަކިކުރަން މާރިޗު 15 ވަނަ ދުވަހު ނިންމާފައެވެ. އެ ނިންމުން ނިންމާފައި ވަނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރާ ހަނގުރާމަ ފެށުމުންނެވެ.

ވިލާތުގެ ކައުންސިލުން ވަކިވުމަށް ނިންމި ނިންމުމަކީ ރަޝިޔާއިން އިސްނަގައިގެން އެ ޤައުމުން ނިންމި ނިންމުމެއް ކަމުގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑެފް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ، އެ ކައުންސިލުން ވަކިވުމަކީ އެ ޤައުމަށް ބޮޑު މިނިވަންކަމެއް ލިބޭނެ ނިންމުމެއް ކަމުގައެވެ. މި ގޮތުން، އެ ކައުންސިލުގެ ސިޔާސަތުތަކާ ޚިލާފު ކަމެއް ކަމަށްވާ ކުށްވެރިންނަށް މަރުގެ އަދަބު ދިނުމަށް ބަންދުވެފައި އޮތް ފުރުޞަތު މިހާރު އެ ޤައުމަށް ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.