ޚަބަރު

އަތޮޅު އެންމެން ގުޅުވާލަދިން ނިޒާމު، ފެރީތަކާއި ޓާމިނަލްތައްވެސް ހިތްގައިމު


"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިންނެވެ. މި މަޝްރޫޢުގެ ޚިދުމަތް މިހާރުވަނީ ފެށިފައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ ޒޯން 1ގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅުންނެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައިވެސް ބަނދަރުމަތީގައި މީހުން ތިބުމަށް ޚާއްސަ ތަންތަން ހަދާނެއެވެ. މީގެތެރޭގައި މައި 6 ރަށުގައި ފެރީ ޓާމިނަލް ހެދުމާއި، އަދި އެހެން ރަށްތަކުގައި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. ޒޯން 1ގައި ފެރީ ޓާމިނަލް ހަދާ ރަށްތަކަކީ ހއ.ހޯރަފުށި، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ށ.ބިލެތްފަހި، ށ.ފުނަދޫއެވެ.

އެމްޓީސީސީން ވިދާޅުވީ ޒޯން 1ގެ ހުރިހާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް ޖޫން ނުވަތަ ޖުލައިއަށް ނިންމާލެވޭނެކަމަށެވެ. މި ޓާމިނަލްތަކަކީ މީހުން މަޑުކޮށްގެން ތިބުމާއި، ފާޚާނާގެ ޚިދުމަތްފަދަ ޚިދުމަތްތަކާއެކު ހަދާ ތަންތަނެވެ. އަދި ޓާމިނަލް ފަރުމާކުރަނީ ބައެއްކަހަލަ ތަކެތިވެސް އެތަންތަނުން ގަންނަން ލިބޭ ގޮތަށެވެ.

ޓިކެޓް ނެގުމުގައި އަމަލުކުރާނެ ގޮތް

ފެރީގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމްތައް މިހާރުވަނީ ހަމަޖައްސާފައެވެ.

އެގޮތުން https://rtl.mv/ ނުވަތަ https://app.rtl.mv/ ލިންކުގެ ޒަރީޔާއިންޓިކެޓް ނެގޭނެއެވެ. އަދި rtl travel app އެޕް މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެއެވެ. އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރި ވުމަކީ ކުރިއަށް އޮތް ތަނުގައި ޚިދުމަތް ލިބިގަތުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމެކެވެ.

ރާއްޖޭގައި ފެށިގެން ކުރިއަށްދާ ޤައުމީ ފެރީގެ ޚިދުމަތުގެ ސަބަބުން އެއް ރަށް އަނެއް ރަށާ ބޮޑަށް ގުޅާލެވި މުޖުތަމައުގެ ގުޅުން ބަދަހިވެގެންދާނެއެވެ. އާންމުގޮތެއްގައި އަތޮޅުތެރޭގެ މީހުން އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ދާ ގޮތަށް އެހެނިހެން ރަށްތަކަށް ދިޔުމުގެ ފުރުސަތުވެސް ފަސޭހަކަމާއިއެކު ފަހިވެގެންދާނެއެވެ.

ފެރީ ސްޓޮޕްތަކުގެ ޚިދުމަތް

ޤައުމީ ފެރީ ނިޒާމްގެ ދަށުން ރަށްރަށުގައި އަންނަނީ ފެރީ ސްޓޮޕްތައް ވެސް ޤާއިމްކުރަމުންނެވެ.

މި ފެރީ ސްޓޮޕްތަކަކީ ފެރީގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން މަޑުކޮށްލުމަށް ހަދާފައި ހުންނަ ހިތްފަސޭހަ ސްޓޮޕްތަކެކެވެ. ހަޓްތަކެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ މި ސްޓޮޕްތަކުން ތަފާތު ޚިދުމަތްތައް ލިބޭނެއެވެ.

މި ސްޓޮޕްތަކުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ކަސްޓަމަރުން މަޑުކޮށްލުމަށް ޚާއްސަކޮށް ވެއިޓިންގ އޭރިއާއެއް ހުންނާނެއެވެ. އޭގެ ސަބަބުން ފެރީ އަންނަން ދެން ކޮޅަށް ތިބެ އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ. މިއީ ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން މި ފެރީ ސްޓޮޕްތައް ޤާއިމްކޮށްފައިވަނީ ކިއޮސްކެއްގެ އިތުރުން ފާޚަނާއަކާއިވެސް އެކުއެވެ.

ޤައުމީ ފެރީ ނިޒާމްގެ ދަށުން މިފަދަ ޚިދުމަތްތަކެއް ޤާއިމްވެގެންދިއުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަތަކާއި ހިތްހަމަޖެހުންވެސް ލިބޭނެއެވެ.

ފެރީގެ ޚިދުމަތް

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.

އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ. އެގޮތުން އެއަރކޯން ކޮށްފައިވާއިރު ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ.

ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭނެ ޖާގަ ޚާއްސަ ކުރެވިފައި ހުރެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ. މި ފެރީ ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު ބަލިމީހުންވެސް އުފުލޭ ގޮތަށެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށެވެ.

ފެރީގެ ޚިދުުމަތް ހޯދާ ފަރާތްތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ލިބިގެންދާނެއެވެ. އަދި ކަސްޓަމަރުންނަށް އަމާންއޮމާން އަދި ރައްކާތެރި ދަތުރުގެ ޚިދުމަތް ދިނުމަކީ އެމްޓީސީސީގެ އެންމެ ބޮޑު އަމާޒެވެ.

ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.

ފެެރީގެ ނިޒާމްގެ ޚިދުމަތް ފޯރުކޮށްދޭ އެމްޓީސސީންވަނީ ވޭތުވެދިޔަ 3 އަހަރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަޝްރޫޢު ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެކުންފުނިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.