މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ބަލްކް ކެރިއަރ ބޯޓް ކަމަށްވާ "އެމްއެސްއެސް ކްރޮމް" ރާއްޖެ އަތުވެއްޖެއެވެ.
"އެމްއެސްއެސް ކްރޮމް" އަކީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓެކެވެ. އަދި މިއީ މުދަލާއެކު މި ބޯޓު ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުވެސްމެއެވެ. އެކަން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ ވޯޓަރ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
23 ފަޅުވެރިންނާއެކު އެމްއެސްއެސް ކްރޮމްގެ ފުރަތަމަ ދަތުރުގައި 41500 މެޓްރިކް ޓަނުގެ ހިލައާއި ހިލަވެލި އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. ހިލައާއި ހިލަވެއްޔަކީ ރާއްޖެއަށް ގިނަ ޢަދަދަކަށް އެތެރެކުރާ ބާވަތްތައްކަމަށްވާއިރު، ކްރޮމްގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރައްވައެވެ.
MSS is proud to announce that largest vessel ever to fly Maldivian flag has safely arrived Male' Port. We thank @Portmv for the warm welcome with the water salute on her maiden call. pic.twitter.com/GrQ2WOSEx5
— Maldives State Shipping (MSS) (@stateshippingmv) June 7, 2022
މި ބޯޓާއެކު އެމްއެސްއެސްގެ އަމިއްލަ ބޯޓުތަކުގެ ޢަދަދު 2އަކަށް އިތުރުވީއެވެ. އެއީ އެމްއެސްއެސް ކްރޮމްއާއި އެމްއެސްއެސް ގަލޭނާއެވެ.
އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފައެވެ. "އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.
އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ %99.99 އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް %0.01އަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.