ދުނިޔެ

ސޮމާލިއާގެ އާބާދީގެ ބޮޑު އިންސައްތައެއް ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރު


ވާރޭ ނުވެހި ދިގު މުއްދަތެއް ފާއިތުވެ، ސޮމާލިއާއަށް މި ވަގުތު ކުރިމަތިވެފައިވާ ހަނަފަސްކަމާ ގުޅިގެން 250,000 އަށްވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ އިންޒާރު އ.ދ.އިން ދީފިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން ސޮމާލިއާ ހިމެނޭ ސަރަޙައްދަށް ވާރޭ ވެހުން ވަނީ މަދުވެފައެވެ. ފާއިތުވި ހަތަރު އަހަރުގެ ވިއްސާރަ މޫސުގައި ވެސް އެ ސަރަޙައްދުތަކަށް ވާރޭ ވެހިފައެއް ނުވެއެވެ. އަދި، މި އަހަރުގެ ފަހުކޮޅުގެ ވިއްސާރަ މޫސުމުގައި ވެސް ސޮމާލިއާގެ ސަރަޙައްދުތަކަށް ވާރޭ ވެހުން މަދުވާނެ ކަމަށް މޫސުމީ އިދާރާތަކުން ލަފާ ކުރެއެވެ.

ސޮމާލިއާގެ އާބާދީގެ ބޮޑު އިންސައްތައަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ އަނެއް ސަބަބަކީ ތަކެތީގެ އަގުތައް އުފުލުމެވެ. މި ކަން މެދުވެރިވި އެއް ސަބަބަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައެވެ. ކާބޯތަކެއްޗާ ބެހޭ ދުނިޔޭގެ ޕްރޮގުރާމުން ބުނީ، ސޮމާލިއާގައި ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިހާރު 213,000 އަށް އަރާ ކަމުގައެވެ. މިއީ، އޭޕްރިލް މަހުގެ އަންދާޒާއާ އަޅައިބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ސޮމާލިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 7.1 މިލިޔަން މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިވެ، ކާބޯތަކެތީގެ ރައްކާތެރި ކަން ގެއްލިފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ. ހުސްވި 2021 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން އެ ޤައުމަށް ކުރިމަތިވެފައިވާ ހަނަފަސް ކަމުގައި ތިން މިލިޔަނަށް ވުރެ ގިނަ ނައަމްސޫފި ވަނީ މަރުވެފައެވެ. 2011 ވަނަ އަހަރު ސޮމާލިއާއަށް ކުރިމަތިވި ހަނަފަސްކަމުގައި ވެސް ބަނޑުހައިހޫނު ކަމުގައި 250,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.