ދުނިޔެ

އެބްރެމޮވިޗްގެ 2 މަތިންދާބޯޓެއް ހިފަހައްޓަން އެމެރިކާއިން ކޯޓް އަމުރެއް


ރަޝިޔާގެ މަހުޖަނެއް ކަމުގައިވާ ރޯމަން އެބްރެމޮވިޗްގެ އަމިއްލަ މަތިންދާބޯޓުތަކެއް ހިފަހައްޓަން އެމެރިކާގެ ކޯޓަކުން އަމުރު ނެރެދީފިއެވެ.

މިއީ، ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ނެރުނު އަމުރެކެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ މަހުޖަނުންގެ އަގުބޮޑެތި ހަރުމުދަލުގެ ތެރޭގައި ހިމެނޭ ލަގްޒަރީ ޔޮޓުތަކާއި މަތިންދާބޯޓުތައް ހިފެހެއްޓުމަށް އެމެރިކާ އަދި ޔޫރަޕުގެ ގިނަ ޤައުމުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯޓުން ނެރުނު އަމުރުގެ ދަށުން ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ އެބްރެމޮވިޗްގެ މަތިންދާބޯޓުތަކުގެ އަގު 400 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މީގެ ތެރޭގައި 350 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޯއިންގ 787 މަރުކާގެ ޑްރީމްލައިނަރ މަތިންދާބޯޓަކާއި 60 މިލިޔަން އެމެރިކާ ޑޮލަރަށް އަގު އަރާ ގަލްފްސްޓްރީމް މަތިންދާބޯޓެއް ހިމެނެއެވެ.

އެ ބޯޓުތައް ހިފަހައްޓަން ކޯޓު އަމުރު ނެރެފައި ވަނީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމަރސްގެ ހުއްދައެއް ނެތި ދާދިފަހުން ރަޝިޔާއަށް ދަތުރުކޮށް، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ މުދާ އެކްސްޕޯޓް ކުރުމުގެ ހުރަސްތަކާ ޚިލާފުވުމާ ގުޅިގެންނެވެ. މި ގޮތުން، ތިން ފަހަރެއްގެ މަތިން އެ މަތިންދާބޯޓުތައް ރަޝިޔާއަށް ދަތުރުކޮށްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ތުހުމަތުކުރެއެވެ.

މިކަމާ ގުޅިގެން އެބްރެމޮވިޗާ ދެކޮޅަށް އިދާރީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެބްރެމޮވިޗްއަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ގާތް ގުޅުމެއް ބާއްވާ މީހެއް ކަމަށް އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރި ނަމަވެސް، މިއީ އޭނާ ދޮގުކުރާ ތުހުމަތުތަކެކެވެ.