ޚަބަރު

ޑެންގީއާއި އާންމު ރޯގާތައްވެސް އިތުރުވަނީ


މިދިޔަ އަހަރާއި އަޅާބާލާއިރު، މިއަހަރުގެ މި މިހާތަނަށް ޑެންޑީ ހުން ޖެހިގެން ރިޕޯޓްކުރި މިންވަރު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޑެންގީ ހުން ފެތުރެނީ މަދިރީގެ ޒަރިއްޔާއިންނެވެ. ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު ޑެންގީހުން ޖެހޭ މިންވަރު ރާއްޖޭގައި އިތުރުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު އިތުރުކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އޭޕްރިލް މަހަށްވުރެ، މެއި މަހު ރިޕޯޓުކުރި ކޭސްތައްވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު ޑެންގީގެ 92 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މޭ މަހު އޭގެ ދެގުނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 185 މީހުންނެވެ.

އޭޕްރިލް މަހުގެ ފަހު ހަފްތާގައި 32 ކޭސް ރިޕޯޓް ކުރިއިރު މެއި މަހުގެ ފަހު ހަފްތާގައި 73 މީހުން ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރަންވީ ބައެއް ކަންކަން

  • ހަށިގަނޑު ރަނގަޅަށް ނިވާގޮތަށް ހެދުން އެޅުން
  • މަދިރި ލޯޝަން، ސްޕްރޭ، ރެޕެލެންޓް ބޭނުންކުރުން
  • ފަތިސްވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން (މަދިރި އިތުރުވާ ވަގުތެއް)
  • ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން (ގެއާއި ގޯތިތެރެ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ ފެންހަރުލާ ޒާތުގެ ތަންތަން)

މަދިރި އާލާވުން މަދުކުރުމަށް ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީފަދަ ތަކެތި ސާފުކުރުން މުހިންމެވެ. އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން ވަރަށް މުހިންމެވެ.

ބައްޔާމެދު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައްކަމަށްވާ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ބަނޑުގައި ރިއްސުންފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ.

ގޭގައި ދެވޭނެ ފަރުވާ

  • އަރާމުކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސް ވުމާއިއެކު ބަލި ފެތުރުމުން ރައްކާތެރިކޮށްދޭ
  • ގިނަގިނައިން ދިޔާ އެއްޗެހި ބުއިން (ލޮނު ޕެކެޓު، ކުރުނބާ، ސޫޕް ފަދަ ތަކެތި)
  • ހުން އައިސް ގައިގައި ރިއްސާނަމަ ގަޑިންގަޑިއަށް ޕެރަސެޓަމޯލް ކެއުން
  • ހާލަތު މާބޮޑަށް ދެރަވާނަމަ ޑޮކްޓަރަށް ދެއްކުން

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމާއި ހޮޑުލެވޭ ރޯގާވެސް ވަނީ މިދުވަސްވަރު އިތުރުވެފައެވެ.

އެގޮތުން މެއި މަހު އަރިދަފުސް ރޯގާގެ 13361 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭޕްރިލް މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކިކަަމަށް ރެކޯޑުކުރެވިފައިވަނީ 12978 މީހުންނެވެ. މެއި މަހު 4 މީހުން އިންފުލުއެންޒާއަށްވެސް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހޮޑުލުމާއި ބޭރަށްހިންގުން ޖެހިގެން މެއި މަހު 1824 މީހުން ޑޮކްޓަރަށް ދެއްކިއެވެ. އޭޕްރިލް މަހު މިފަދަ ރޯގާތާގެ 1575 ކޭސް ރިޕޯޓްކުރިއެވެ.

އާންމު ރޯގާތަކުން ރައްކާތެރިވުމަށް ސާފު ތާހިރުކަމަށް ސަމާލްކަން ދިނުމާއި ބަލި މީހުން އެހެން މީހުންނާއިއެކު އެއްވެ އުޅުން ވީހާވެސް މަދުކުރުން ވަރަށްމުހިންމެވެ.