ޚަބަރު

ކަޒަކިސްތާނުގެ ހުދުމުހުތާރު ވެރިކަން ބަދަލުކުރަން ޤާނޫނުއަސާސީ އިޞްލާޙުކުރަނީ


ކަޒަކިސްތާނުގެ ހުދުމުހުތާރު ވެރިކަން ބަދަލުކުރަން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް އެ ޤައުމުގެ ރައްޔިތުން ތާޢީދުކޮށްފިއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުތެރޭ އޭޝިޔާގައި އޮންނަ ކަޒަކިސްތާނުގެ ރައީސް ކަސީމު ޔޮމާތު ތޮކަޔޭވު އިޢުލާނުކުރައްވާފައިވާ އިޞްލާޙީ މަގުޗާޓާ އެއްގޮތަށް ޤާނޫނުއަސާސީ ބަދަލުކުރަން ނެގި ފެންނަނުފެންނަ ވޯޓުގައި އެ ޤައުމުގައި ވޯޓުލެވޭ އާބާދީގެ %68އަށްވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ. އެ ގޮތުން %77އަށްވުރެ ގިނަ މީހުން ތާޢީދުކޮށްފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށެވެ. އެ އިޞްލާޙުތަކުގެ ތެރޭގައި އެ ޤައުމުގެ ފުރަތަމަ ރައީސް ނޫރުސުލްޠާން ނަޒަރުބަޔޭވަށް ދީފައިވާ ޒަޢީމުކަމުގެ ލަޤަބު އުވާލުންވެސް ހިމެނެއެވެ.

1991ވަނަ އަހަރުގެ ތެރޭގައި ރޫސީވިލާތުން މިނިވަންކަން ހޯދުމަށްފަހު ކަޒަކިސްތާނުގައި ޢަމަލުކުރަމުންދާ ޤާނޫނުއަސާސީން ރައީސަކަށް ހުންނަ މީހަކަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. ކަޒަކިސްތާނުގައި އޮންނަ ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ބަޣާވާތެއްކުރުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ބަޣާވާތް ނާކާމިޔާބުކޮށްލެއްވުމަށްފަހު ތޮކަޔޭވުވަނީ އިޞްލާޙީ މަގުޗާޓެއް އިޢުލާނުކުރައްވައިފައެވެ. ސިޔާސީ ތަޖުރިބާކާރުން ބުނައި ގޮތުގައި ތޮކަޔޭވު މަސައްކަތްކުރައްވަނީ އިޞްލާޙީ މަގުޗާޓެއް މެދުވެރިކޮށް ވެރިކަމުގެ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވުމަށެވެ.