ކުޅިވަރު

ކޫޕްމަންއަށް ބަދަލުދޭން ފީފާއިން އެފްއޭއެމްއަށް އަންގައިފި


ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުން މިދިޔަ އަހަރު ވަކިކުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އޭނާއަށް ބަދަލުދޭން ފީފާއިން އަންގައިފިއެވެ.

އުމުރުން 66 އަހަރުގެ ކޫޕްމަން ރާއްޖޭގެ ގައުމީ ޓީމާ ގުޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާގެ އެއްބަސްވުން ވަނީ އިތުރު ތިން އަހަރަށް އާކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކޫޕްމަންގެ އެއްބަސްވުން ވަނީ އުވާލާފައެވެ. އެފްއޭއެމުން އެ ފަހަރު ބުނީ ކޫޕްމަންގެ އެއްބަސްވުން އުވާލަން ނިންމީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށްފަހު، އޭނާއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކޫޕްމަން ވަނީ އޭނާ ވަޒީފާއިން ވަކިކުރީ އުސޫލާ ޚިލާފަށް ކަމަށްބުނެ ފީފާއަށް މައްސަލަ ހުށަހަޅާފައެވެ.

ފީފާ ޓްރައިބިއުނަލްއިން މައްސަލަ ބެލުމަށްފަހު ނިންމީ ކޫޕްމަންއާ އެއްކޮޅަށެވެ. އެހެންވެ އެފްއޭއެމަށް ކޫޕްމަންގެ އެއްބަސްވުމުގެ މުއްދަތައްވާ ފައިސާ، މާލީ ބަދަލުގެ ގޮތަގައި ދޭން ޖެހޭނެއެވެ. އަދި ކޫޕްމަނަށް ބަދަލުދޭން އެފްއޭއެމަށް ދީފައިވާ 45 ދުވަހުގެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ފީފާއިން އެފްއޭއެމަށް ދޭ ވަކި ބަޖެޓެއްގެ ތެރެއިން އެ ފައިސާ އުނިކުރާ ގޮތަށް ކުރިއަށްދާނެއެވެ.

ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެފައިވަނީ އެންމެ ތިން މެޗެވެ. އެއީ މިދިޔަ އަހަރުގެޖޫން މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ފަހު ތިން މެޗެވެ.

އެގޮތުން ކޮލިފައިންގައި ސީރިއާ އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއީ ތާރީޚުގައި ފިލިޕީންސް އަތުން ރާއްޖެއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ކޫޕްމަންއަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.

ކޫޕްމަންއަށް ބަދަލުދޭން ފީފާއިން އެންގއިރު، އޭނާގެ އެސިސްޓަންޓަކަށް އެ ފަހަރު ގެނައި ނެދަލެންޑްސްގެ ރެނޭ ހިޑިންކުވެސް ވަނީ އެފްއޭއެމާ ދެކޮޅަށް ފީފާގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ރެނޭގެ މައްސަލަ ފީފާ ޓްރިބިއުނަލުން ބަލައި، އެފްއޭއެމުން ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދައްކަން ފީފާ އިން އެންގީ މިދިޔަ މަހު ފަހުކޮޅުގައެވެ.