ވަރުގަދަ ސްކޮޑަކާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށައިފިއެވެ.
ކުޅުންތެރިންނަށް މުސާރަ ނުދެވި ކުލަބު ދަރަނިވެރިވުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިކްޓަރީ ސަސްޕެންޑުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެކަމަކު ވިކްޓަރީން ވަނީ ދާދި ފަހުން އެ ކުލަބުގެ އިންތިޚާބު ބާއްވައި، އައު ހިންގާ ކޮމިޓީއެއް އެކުލަވާލައިފައެވެ.
ވިކްޓަރީން މިދިޔަ މަހުގެ ތެރޭގައި ވަނީ އެފްއޭއެމް މެދުވެރިކޮށް އެ ކުލަބުގެ ދަރަނި ކުޅުންތެރިންނާ ހަވާލުކޮށްފައެވެ. އަދި އެ ކުލަބުން ރޭ ފަރިތަކުރުންތައް ފަށާފައިވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކޯޗުކަންކޮށްދިން ޕަކީރު އަލީގެ އިރުޝާދުގެ ދަށުންނެވެ.
ޕަކީރު ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކެއްގެ އިތުރުން ސްރީލަންކާގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ. އެގޮތުން ސްރީ ލަންކާއިން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ނުކުތީ ޕަކީރުގެ އިރުޝާދުގެ ދަށުންނެވެ.
ވިކްޓްރީން ދެވަނަ ޑިވިޝަނަށް އެކުލަވާލި ސްކޮޑުގައި ކުރިން ގައުމީ ޓީމަށް އަދި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބްތަކަށް ކުޅުނު އަޙްމަދު އިމާޒް (އާއްކޮ) އާއި، ލެބުނާނުގެ ފޯވާޑް މަހުމޫދު މުޙައްމަދު ހަދޫ އާއި، މިސްރުގެ ތިން ކުޅުންތެރިން ކަމަށްވާ މުޙައްމަދު އޮސާމާ ސަބާ އާއި، މުޙައްމަދު އަލްބާލީ އަދި އަޙްމަދު ސައީދު ބަދާވީ ހިމެނެއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ވިކްޓަރީން ފަރިތަކުރުންތައް ފެށިއިރު، މުބާރާތް ފަށާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.