ވިޔަފާރި

އެސްޓީއޯއިން ތިމާވެއްޓާއި ރަހުމަތްތެރި ގްރީން ކޮންކްރިޓް ބާޒާރަށް ނެރެފި


ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ. އެސްޓީއޯއަކީ ޒަމާނާއި އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތް ކުރުމުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓް އާއި އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. އަދި މިއީ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެކެވެ. މިކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

ގުރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. މިއުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ޚިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 އިންސައްތަައާއި 15 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކޮށްފައިވަނީ 1998 ވަނަ އަހަރު ޑެންމާކްގައެވެ. މިކޮންކްރީޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ނިސްބަތުން ދަށެވެ.