ޚަބަރު

ކަޅުވަކަރު މިސްކިތް ރޫޅާލުމުގެ ތައްޔާރީތައް


ސަލްޓަންޕާކް
އިރުދެކުނު ކަންމަތީގައި ހުންނަ ކަޅުވަކަރު މިސްކިތް ހުޅުމާލޭ ކަލްޗަރަލް ވިލެޖަށް ބަދަލުކުރެއްވުމަށް، ކުރައްވަންޖެހޭ ތައްޔާރީތައް ކުރައްވަން ފަށްޓަވައިފިއެވެ.
މި މަސައްކަތް ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވަނީ މިސްކިތުގެ ރާވާފައިވާ
ބައިތައް ވަކިކުރައްވައިގެން ރައްކާތެރިކަމާއެކު މާލެއިން ހުޅުމާލެއަށް
ގެންދަވާގޮތަށެވެ.



ހިރިގަލުގެ
ރީތި ޑިޒައިންތަކެއް ފެންނަން ހުރި ކަޅުވަކަރު މިސްކިތް ބިނާކުރެއްވީ ޙަސަން
ނޫރައްދީނު އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައިކަން، މި މިސްކިތުގައި
ހިރިގަލުން ބިންވަޅު ނަގާފައިވާ ލިޔުމަކުން އެނގެއެވެ. މިރަދުން ރަސްކަންކުރެއްވީ
1779މ ން 1799މ އަށެވެ. ކުރިން މި މިސްކިތް ހުރީ މަޖީދީމަގާއި ކަރަންކާމަގާ އިންވެގެން ހުޅަނގު އުތުރުކަން މަތީގައެވެ.

8 އޮގަސްޓް 1978ގައި ކުރީގެ ރައީސް
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މި މިސްކިތް އުވާލައްވައި 1
އޮކްޓޫބަރު 1978 ގައި މިސްކިތް ނީލަން ކިއުއްވިއެވެ. މިސްކިތް ނީލަމުން
ނަންގަވައިގެން ގެންދެވީ ފުރަނަ ޓުއަރިސްޓް ރިސޯޓަށެވެ. އެހެންނަމެވެސް މި
މިސްކިތަކީ އާޘާރީ ތަނެއްކަމުން ސަރުކާރުން މިސްކިތް ބޭނުންފުޅުވާތީ ކުރީގައި
ރައީސް އަލްއުސްތާޛް މައުމޫން އަބުދުލްޤައްޔޫމުގެ ވެރިކަމުގައި 22 ފެބްރުއަރީ
1979ގައި މިސްކިތް ސަރުކާރަށް ހަދިޔާކުރެއްވިއެވެ. އެއަށްފަހު މިސްކިތް
އިހުހުރިގޮތަށް ރާވައި މިހާރު މިސްކިތް މިހާރު އެހުރިތަކުގައި ބެހެއްޓެވިއެވެ.



އަހަރުތަކެއް
ފައިތުވުމަށްފަހު އަނެއްކާވެސް މިހާރު އެދަނީ މިސްކިތް އެހެން ތަނަކަށް ބަދަލުކުރެއްވުމުގެ
މަސައްކަތްކުރައްވަމުންނެވެ. މިފަހަރު މިސްކިތް ބަދަލުކުރައްވަނީ ހުޅުމާލޭގެ ދެވަނަ
ފިޔަވަހީގެ ދަށުން ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ވިލެޖަށެވެ.
މިސްކިތް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވަނީ ހައުސިންގ މިނިސްޓްރީއާއި،
އިސްލާމިކް މިނިސްޓްރީއާއި، ހެރިޓޭޖް ޑިޕާޓްމެންޓާއި، އެމްއެންޑީއެފުގެ އިތުރުން
އެޗްޑީސީ ގުޅިވަޑައިގެންނެވެ.



ހުޅުމާލެއަށް
މިސްކިތް ބަދަލުކުރެއްވުމަށްޓަކައި މިސްކިތް މިހާރު ހުރިތަނުން ނެންގެވުމުގެ
އެންމެފަހުގެ ތައްޔާރީތައް އެމްއެންޑީއެފުން ދަނީ ކުރައްވަމުންނެވެ. މިމަހުގެ
ފުރަތަމަ ދުވަހުން ފެށިގެން މިސްކިތް ބަންދުކުރައްވާފައިވާއިރު މިހާރު ގެންދަވަނީ މިސްކިތް
ވަށައި ފެންސް ޖެހުމުގެ މަސައްކަތްކުރައްވަމުންނެވެ. އެއަށްފަހު މިސްކިތް ހިމެނޭ
ސަރަޙައްދު ހިޔާކުރައްވައި، މިސްކިތުގެ ރާވާފައިވާ ބައިތައް ވަކިކުރެއްވުމުގެ
މަސައްކަތް ފަށްޓަވާނެކަމަށް އެމްއެމްޑީއެފުން ވިދާޅުވިއެވެ.



ހިރިގަލުގެ
ކަވި މަސައްކަތްތަކާއި އަދި ލަކުޑީގެ ކަވި މަސައްކަތްތަކެއްވެސް ފެންނަން ހުރި
ކަޅުވަކަރު މިސްކިތް ބަދަލުކުރެވޭ ހުޅުމާލޭގެ ކަލްޗަރަލް ވިލެޖަކީ ކުރީގެ
ކްލަބްމެޑް ރިޒޯޓް ހިންގަމުންދިޔަ ރަށް ހިމެނޭ ސަރަޙައްދެވެ. ކުރިން ރިޒޯޓެއް
ހިންގަމުން އައި މިރަށް ހިމެނެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން
ހިއްކާފައިވާ ސަރަޙައްދާ ގުޅުވާލައްވައި ހުޅުމާލޭގެ ބައެއް ކަމުގައި
ހިމަނުއްވާފައެވެ.