ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ލިއޮނަލް މެސީ ކާމިޔާބުކުރި ފަސް ލަނޑާއެކު އާޖެންޓީނާއިން އެސްޓޯނިއާ ބަލިކޮށްފިއެވެ.
ސްޕެއިނުގައި ރޭ ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. އެސްޓޯނިއާއަކީ ފީފާގެ ރޭންކިންގައި ދުނިޔޭގެ 110 ވަނައިގައި އޮތް ގައުމެވެ. އަދި އާޖެންޓީނާ އޮތީ ހަަތަރު ވަނައިގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މެސީ ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މިއީ އުމުރުން 34 އަހަރުގެ މެސީގެ ކެރިއަރުގައި އޭނާ އާޖެންޓީނާގެ ޖާޒީގައި އެއް މެޗެއްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން 2012 ވަނަ އަހަރު ބާސެލޯނާގެ ޖާޒީގައި މެސީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަން ކޮޅަށް ފަސް ލަނޑު ޖަހާފައެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކައި މެސީ ފަސް ލަނޑު ޖެހިއިރު، މިދިޔަ ހަފުތާގައި މެސީގެ މޮޅު ކުޅުމާއެކު އާޖެންޓީނާއިން ވަނީ އިޓަލީ ބަލިކޮށް "ފިނާލިސިމާ 2022" ކާމިޔާބުކޮށްފައެވެ. އަދި އާޖެންޓީނާއިން މިހާރު ވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފައެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އާޖެންޓީނާ މި ވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.