ފަސޭހަކަމާއެކު ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ފްރެންޗް އޯޕަން ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ސްޕެއިނުގެ ރަފައެލް ނަޑާލް ހޯދައިފިއެވެ.
ރޭ ކުޅުނު ފައިނަލް މެޗު ނަޑާލް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ތިނެއް، ހައެއް ތިނެއް އަދި ހައެއް ސުމަކުންނެވެ.
މި މޮޅާއެކު އުމުރުން 36 އަހަރުގެ ނަޑާލް މިހާރު ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރިކޯޑު ނަޑާލްގެ އަތުގައި އޮތްއިރު، ދެވަނައިގައި އޮތް ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ސާބިއާގެ ނޯވަކް ޖޮކޮވިޗަށް ކާމިޔާބުކުރެވިފައިވަނީ 20 ގްރޭންޑް ސްލޭމް މުބާރާތެވެ.
މީގެ އިތުރުން މި ކާމިޔާބީއާއެކު ނަޑާލް 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކުރިއިރު، އޭނާއަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އެގޮތުން ނަޑާލާ އެންމެ ކައިރީގައި އޮތީ ފްރާންސްގެ ކުރީގެ ޓެނިސް ތަރި، މެކްސް ޑެކިއުޖިސް އެވެ. އޭނާ ވަނީ އަށް ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށްފައެވެ.
މި ފަހަރުގެ ފައިނަލުގައި ނަޑާލާ ދެކޮޅަށް ނުކުތް ރޫޑަކީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު މިއީ އޭނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.