ދުނިޔެ

އުތުރު ކޮރެޔާއަށް އިންޒާރުދިނުމަށް ދެކުނު ކޮރެޔާއިން މިސައިލް ޓެސްޓެއް


އުތުރު ކޮރެޔާއިން ދާދިފަހުން ހެދި މިސައިލް ޓެސްޓަކާ ގުޅިގެން އެ ޤައުމަށް ދިން އިންޒާރެއްގެ ގޮތުން، ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން މިސައިލް ޓެސްޓުތަކެއް ހަދައިފިއެވެ. މި ގޮތުން، ދެކުނު ކޮރެޔާގެ އިރުމަތީ އައްސޭރި ފަށަށް މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެއް ވަނީ އުދުއްސާލާފައެވެ. މި އަމަލީ، އަސްކަރީ ގޮތުން ދެކުނު ކޮރެޔާ އޮތް ތައްޔާރީ ހާލަތު ދައްކައިލުމުގެ ގޮތުން ހަދާފައިވާ މިސައިލް ޓެސްޓުތަކެކެވެ.

ދެކުނު ކޮރެޔާގެ އައު ރައީސް ޔުން ސުކް-ޔޯލްއަކީ އެ ޤައުމާ އިންވެގެން އޮންނަ އުތުރު ކޮރެޔާގެ ސަރުކާރާ މެދު އެހާ ގަޔާވާ ބޭފުޅެއް ނޫނެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ ވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި, ދާދި ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑްނާއި އެކު ބޭއްވެވި ބައްދަލުވުމެއްގައި، އޭނާ ވަނީ އަސްކަރީ ގޮތުން އެ ޤައުމުގެ ތައްޔާރީ ހާލަތު އިތުރަށް ފުރިހަމަ ކުރަން އެއްބަސްވެ ވަޑައިގެންފައެވެ.

އުތުރު ކޮރެޔާއިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ޓެސްޓެއް ހަދާފައި މި ވަނީ، ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން އަސްކަރީ ތަމުރީނުތަކެއް ހިންގުމާ ގުޅިގެން، އެ ތަމުރީނުތައް ނިމުނުތާ އެއް ދުވަސް ފަހުންނެވެ. އެ ތަމުރީނުތަކާ ގުޅިގެން އުތުރު ކޮރެޔާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ޤައުމުން ހަދާފައިވާ އެންމެ ބާރުގަދަ މިސައިލް ޓެސްޓެވެ.

އުތުރު ކޮރެޔާއިން މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދާފައިވެއެވެ. އޭގެ ތެރޭގައި ވަރަށް ހަލުވި ދުވެލީގައި ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ "ހައިޕަރސޮނިކް" މިސައިލަކާއި، އެއް ބައްރުން އަނެއް ބައްރަށް ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ "އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް" ޓެސްޓުތައް ހިމެނެއެވެ.