ދުނިޔެ

ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް، ސިފައިންނަށް ދެއްވީ ހިތްވަރު


ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކުގެ މެދުގައި އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލު ކުރަމުންދާ ދެ ސަރަހައްދަކަށް ޒިޔާރަތް ކުރައްވައި، އެ ޤައުމުގެ ސިފައިންނަށް ހިތްވަރު ދެއްވައިފިއެވެ. ރައީސް ޒެލެންސްކީ ވަނީ، ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގަމުންދާ ދެ ސިޓީއެއް ކަމުގައިވާ ލިސިޝެންސްކް އަދި ސޮލެޑާއަށް ވަޑައިގަންނަވާފައެވެ. ޔޫކްރެއިންއިން ވަނީ މި ދަތުރުފުޅުގެ ވީޑިއޯއެއް ޢާންމުކޮށްފައެވެ.

ކޮންމެ ރެޔަކު ޒެލެންސްކީ ޢާންމު ކުރައްވާ ވީޑިއޯ މެސެޖުގައި އޭނާ ވިދާޅުވީ, ލިސިޝެންސްކް އަދި ސޮލެޑާއަށް ޒިޔާރަތް ކުރެއްވި ކަން ހާމަކުރައްވާފައެވެ. ޔޫކްރެއިންގެ ދިފާއުގައި އެ ސަރަހައްދުތަކުގައި ހަނގުރާމަ ކުރަމުންދާ އެ ޤައުމުގެ ސިފައިންނާ މުޚާތަބު ކުރައްވާ އޭނާ ވިދާޅުވީ، ކާމިޔާބީއަކީ އެ މީހުންގެ ޙައްޤެއް ކަމުގައެވެ. އަދި، ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އެ މީހުން ދައްކަމުންދާ ހިތްވަރުގަދަ ކަމަށް އޭނާ ވަނީ ތަޢުރީފުކޮށް ޝުކުރު އަދާކުރައްވާފައެވެ.

އެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ ވަނީ ސިފައިންގެ މީހުންނާ ބައްދަލުކޮށް، ހަނގުރާމައިގައި ބައެއް ސިފައިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން އެވޯޑްތަކެއް ދެއްވާފައެވެ. މިއީ، ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި ހަނގުރާމަ ފެށި ފަހުން، ވެރިރަށް ކީއޭވްއިން ބޭރަށް ވަޑައިގެންނެވި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. އަދި، މިއީ އޭނާ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ލިސިޝެންސްކް އަދި ސޮލެޑާގެ އިތުރުން ޒެލެންސްކީ ވަނީ އެ ޤައުމުގެ އިރުދެކުނުގައި އޮތް ޒެޕެރޯޜިއާއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އެއީ، ފަސްދޮޅަސް އިންސައްތަ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ. އެ ތަނުގައި އޭނާ ވަނީ ޞިއްޙީ ފަރުވާދޭ މަރުކަޒަކަށް ޒިޔާރަތް ކުރައްވައި، ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހުނު ބައެއް މީހުންނާ ބައްދަލު ކުރައްވާފައެވެ. އެ ތަނުން އޭނާއާ ބައްދަލުވި މަރިއުޕޯލްގެ ބައެއް ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، އެ މީހުންގެ ގެދޮރު އަނބުރާ އެ މީހުންނަށް ހޯއްދަވައިދެއްވާނެ ކަމުގައެވެ. މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ.