ޚަބަރު

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދުގެ ދާއިމީ ލައިސަންސް މިހާރު ލިބޭނެ


ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، އެއްގަމު އުޅަނދު ދުއްވުމުގެ ދާއިިމީ ލައިސަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައެވެ. މި ޤަވާއިދު މިހާރުވަނީ ގެޒެޓްކޮށްފައެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިންނަށް ލައިސަންސް ދޫކުރަމުންދާ އުސޫލާ އެއްގޮތަށް، ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދޫކުރާ ދާއިމީ ލައިސަންސްވެސް މިހާރު 10އަހަރުގެ މުއްދަތަށް ބޭނުންކުރެވޭނެކަމަށެވެ.

ކުރިން މި ޤަވާއިދު އޮތީ އެފަދަ ބިދޭސީން އަހަރަކު އެއް ފަހަރު ލައިސަންސް އާކުރަން ޖެހޭގޮތަށެވެ. އެއީ ވަގުތީ ގޮތުން ދޫކުރާ ލައިސަންސެކެވެ.

މިޤަވާއިދު ގެޒެޓްކުރުމާއެކު މި ޤަވާއިދަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އިތުރު ޓެސްޓެއް ހެދުމަކާއި ނުލާ، ދާއިމީ ލައިސަންސަށް ބަދަލުކުރުމަށް އެދި މިހާރު ފޯމް ހުށައެޅޭނެއެވެ.