ޚަބަރު

ޔޫކްރެއިނަށް ބާރުގަދަ ހަތިޔާރު ފޮނުވައިފިނަމަ ރަޝިޔާގެ ޙަމަލާތައް ވަރުގަދަކުރާނެ


ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ދުރު ރާސްތާ ހަތިޔާރު ފޮނުވައިފިނަމަ ކުރިން ޙަމަލާތައް ޢަމާޒުނުކުރާ ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.

ރަޝިޔާގެ ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވީ ސީދާ އެ ޤައުމަށް ޙަމަލާދެވޭވަރުގެ ބާރުގަދަ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފިނަމަ ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކުރާނެކަމަށެވެ. ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާއިން ޙަމަލާދޭނެ ޢަމާޒުތަކެއް ޕުޓިން ވިދާޅުވެފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީގެން ހަނގުރާމަ ދިގުދަންމަންކަމަށެވެ.

ޔޫކްރެއިނުން އެދުނު ދިގު ރާސްތާ މިސައިލް ނިޒާމުތައް އެމެރިކާއިން ފޯރުކޮށްދިނުމަށް ނިންމި ނަމަވެސް ޕުޓިން ޤަބޫލުކުރައްވައި ގޮތުގައި އެ ހަތިޔާރުތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް ބޮޑު ބަދަލެއް ނާންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވި ނަމަވެސް ހަނގުރާމައިގެ ތިލަފަތް އެ ޤައުމަށް އަނބުރާލަން ހުޅަނގުގެ ބާރުތަކުން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމަށެވެ. އެ ގޮތުން އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ފޮނުވަމުންދާ ހަތިޔާރު ގާފިލާތަކަށް ޢަމާޒުކޮށް ރަޝިޔާގެ އަސްކަރިއްޔާއިން ކާމިޔާބު ޙަމަލާތަކެއް ދެމުންދާކަމަށެވެ.