އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން ވިލާތުގެ ދެކުނުގެ ޤައުމުތަކަށް މި އަހަރުގެ ތެރޭގައި 150،000 މީހުން ހިޖުރަކުރާނެކަމަށް ލަފާކޮށްފިއެވެ.
ވިލާތުގެ ދެކުނުގައި އޮންނަ ނުވަ ޤައުމުގެ މައްޗަށް އެކުލެވޭ މެޑު ގުރޫޕުގެ ދާޚިލީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސައިޕުރަސްގެ ދާޚީލީ ވަޒީރު ނީކޯޝް ނޫރިސް ވިދާޅުވީ އެ ޤައުމުތަކަށް 150،000 މީހުން ހިޖުރަކުރާނެކަމަށް ބެލެވޭކަމަށްށެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ފަސްދުވަހުގެ ތެރޭގައި އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުން 36,400 މީހުން އިޓަލީވިލާތާއި ސުޕެއިންނާއި ގުރީސްސާއި ސައިޕުރަސްސާއި މޯލްޓާއަށް ހިޖުރަކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދިރިއުޅުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން ވިލާތުގެ ދެކުނުގެ ޤައުމުތަކަށް މިދިޔަ އަހަރުގެ ތެރޭގައި 123,318 މީހުން ހިޖުރަކުރިއެވެ. ނަމަވެސް ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ކާބޯތަކެތި ލިބުން ދަތިވެ ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އެ ސަރަޙައްދުން ހިޖުރަކުރައި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. ނަމަވެސް އެ ޢަދަދުތައް 2015ވަނަ އަހަރުގެ ތެރޭގައި ހިޖުރަކުރި މީހުންގެ ޢަދަދަށްވުރެ ދަށްވާނެކަމަށްވެސް ބެލެވެއެވެ. އެ އަހަރުގެ ތެރޭގައި ރެކޯޑު ޢަދަދެއްކަމަށްވާ އެއް މިލިޔަނަށްވުރެ ގިނަ މީހުންވަނީ އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުން ހިޖުރަކޮށްފައެވެ.
ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސީދާ އަސަރު 1.4 ބިލިޔަން މީހުންނަށް ކުރާނެކަމަށް އދންވަނީ ލަފާކޮށްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ގޮދަން ލިބުމުގައި ދަތިތަކެއް އުފެދި ދުނިޔޭގައި ބަނޑުހައިހޫނުކަމާއި ފަޤީރުކަން އިތުރުވެ އެތައް ހާސް ބަޔަކު ހިޖުރަކުރުމަށް މަޖުބޫރުވާނެކަމަށްވެސް އދންވަނީ ބުނެފައެވެ.
ދުނިޔެއަށް ބޭނުންވާ ގޮދަނުގެ ތިންބައިކުޅަ އެއްބައި އުފައްދަނީ ޔޫކްރެއިނާއި ރަޝިޔާއިންނެވެ. އަދި އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި އެ ދެ ޤައުމުގައި އުފައްދައި ގޮދަނެވެ. އޭގެ އިތުރުން ރަޝިޔާއަކީ އެންމެ ގިނައިން ގަސްކާނާ އުފައްދައި ޤައުމުވެސްމެއެވެ.