އަންނަ އަހަރު ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލުން ބެނިން ބަލިކޮށްފިއެވެ.
ސެނެގާލްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެނެގާލުންނެވެ. އަދި މި މެޗްގައި ސެނެގާލްގެ ފޯވާޑް ސާޑިއޯ މާނޭ ވަނީ ހެޓްރިކެއް ހަދާފައެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މާނޭ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފޫގެ މެދުތެރޭގައެވެ. އަދި ފަހު ލަނޑު ޖަހާއި، މާނޭ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ 60 ވަނަ މިނެޓްގައި ލިބުނު އިތުރު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ޖެހުމުގެ ކުރިން ބެނިންގެ މެދުތެރެއަށް ކުޅޭ ސެސީ ޑި އަލްމޭޑާއަށް ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި ހެޓްރިކާއެކު މާނޭ މިހާރު ވެފައިވަނީ ސެނެގާލުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ ކުޅުނު 86 މެޗްގައި 31 ލަނޑު ސެނެގާލަށް ކާމިޔާބުކޮށްދީފައެވެ.
މި މެޗްގައި ބެނިންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫނިއާ އޮލައިޓާންއެވެ.
މި މެޗުން ސެނެގާލް މޮޅުވިއިރު، އެ ގައުމުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެފްރިކާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައެވެ. އަދި ބެނިންގެ މައްޗަށް ހޯދި ކާމިޔާބިއާއެކު ސެނެގާލް މިހާރު އުޅެނީ ގްރޫޕް އެލްގެ އެއްވަނައިގައެވެ.