ތިމާވެއްޓަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ތަފާތު ބަދަލުތަކުގެ ސަބަބުން ރާއްޖެކަހަލަ ކުޑަ ޤައުމަކަށް އެބަދަލުތަކުގެ އަސަރު ކުރާލެއް އަވަސްވާނެކަމަށެވެ. އަދި އެއީ މޫސުމީ ބަދަލުތައް ކަމުގައިވީ ނަމަވެސް ރާއްޖެފަދަ ޤައުމަކަށް އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެންމެން ގުޅިގެން މަސައްކަތްކުރާނަމަ މިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ ތިމާވެށީގެ މައްސަލަތަކަށް ޚާއްސަކޮށް މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން. އަދި ވަކިން ޚާއްސަކޮށް ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލް މާހައުލުގެ ތެރެއިން މިފަދަ ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވަން އެބަޖެހޭ" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޖަލްސާގައި ފުވައްމުލަކު ބަޔޮސްފިޔަރ ރިޒާރވް ލޯގޯ ވަނީ އިފްތިތާހްކޮށްފައެވެ. މި ލޯގޯ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނޮން ކެމިކަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ސޮއިކުރުންވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝައުނާއެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދިމާކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންގޮސްފައިވާ "އޮންލީ ވަން އާރތް" ވާހަކަފޮތް މުބާރާތުގެ އެއްވަނަ ހާސިލްކޮށްފައިވާ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު 10 ވާހަކަ ހިމަނައިގެން ތައްޔާރުކޮށްފައިވާ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަށް ވަނީ އަރުވާފައެވެ.
ރަސްމިއްޔާތު ނިންމާލާފައިވަނީ ވާހަކަފޮތް ތައްޔާރުކުރުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކަ "ތި ދެވެނީ އަނިޔާ"ގެ ތަމްސީލީ ޑްރާމާއަކުންނެވެ.