ޚަބަރު

ހަމަނުޖެހުން އުފައްދައި އީރާނުގެ ވެރިކަން ވައްޓާލަން އުޅޭކަމަށް ޚާމަނާއީ ތުޙުމަތުކުރައްވައިފި


އީރާނުގެ ދުޝަމަނުން އެ ޤައުމުގައި ހަމަނުޖެހުން އުފައްދައި އެ ޤައުމުގައި އޮތް އިސްލާމީ ވެރިކަން ވައްޓާލަން މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުގެ ރޫޙީ އެންމެ އިސްވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ތުޙުމަތުކުރައްވައިފިއެވެ.

1979ވަނަ އަހަރުގެ ތެރޭގައި އީރާނަށް ގެނައި އިސްލާމީ އިންޤިލާބުގެ ބާނީ އާޔަތުﷲ ރޫޙުﷲ ޚުމައިނީ އަވަހާރަވިތާ 33 އަހަރު ފުރުން ހަނދާންކުރުމަށް ބޭއްވި ރަސްމީ ޙަފުލާގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ އެމެރިކާފަދަ ޤައުމުތަކުން އީރާނުގައި ދޮގު ޚަބަރުތައް ފަތުރައި ޢާއްމުންގެ މެދުގައި ރުޅިއާއި ނަފުރަތު އުފައްދައި އެ ޤައުމުގައި އޮތް އިސްލާމީ ވެރިކަން ވައްޓާލަން ހިތްވަރުދެމުންދާކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީސްމީޑިޔާއާއި އިންޓަނެޓުގެ ވަޞީލަތްތައް ބޭނުންކޮށްގެން އީރާނުގެ އިސްލާމީ ވެރިކަމުގެ ތަޞައްވަރު ބަދަލުކޮށްލުމަށް ދުޝަމަނުން މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް އެފަދަ ޢަމަލުތަކަށް އީރާނުން އޮތީ ސާބިތުކަމާއެކު ކުރިމަތިލާން ތައްޔާރަށްކަމަށާއި އެ ކަމުން ދުޝްމަނުންނަށް ކާމިޔާބު ލިބޭނެ ގޮތެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިރާނުގެ އިސްލާމީ ވެރިކަން ވައްޓާލަން ބަޔަކު މަސައްކަތްކުރަމުންދާކަމަށް ޚާމަނާއީ ތުޙުމަތުކުރައްވާފައިވަނީ އެ ޤައުމުގެ ހުޅަނގުދެކުނުގައި އިމާރާތެއް ވެއްޓި 37 މީހުން މަރުވުމުން ޢާއްމުން ކުރަމުންދާ މުޒާހަރާތަކަށް ހަފުތާއެއް ވެފައިވަނިކޮށެވެ. އެ މުޒާޙަރާތައް ހުއްޓުވުމަށް އިރާނުގައި މީސްމީޑިޔާއާއި އިންޓަނެޓުގެ ވަޞީލަތްތައް ބޭނުންކުރުމަށް އެ ޤައުމުގެ ސަރުކާރުން ހުރަސްއަޅަމުންދާކަމަށް ޢާއްމުންވަނީ ތުޙުމަތުކޮށްފައެވެ.