ރިކޯޑު އަދަދެއްގެ ކުދިންނާއެކު ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފިއެސްޓާގައި ހޮނިހިރު ދުވަހު ކުޅެފައިވަނީ ފައިނަލް މެޗުތަކެވެ. މި މެޗުތައް ބައްލަވާލެއްވުމަށާއި، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮވިޑް-19 ގެ ހާލަތާއެކު މި ފިއެސްޓާ މިދިޔަ ދެ އަހަރު ބޭއްވިފައިނުވާއިރު، މި ފަހަރުގެ ފިއެސްޓާ އަކީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކެއް، އަދި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ފިއެސްޓާއެކެވެ. ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ސޮކަ ވެޓްރަންސް އެސޯސިއޭޝަނުން ފިއެސްޓާގެ ލޯގޯ ރައީސް ޞާލިޙަށް އަރުވާފައެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮކަ ވެޓްރަންސް އެސޯސިއޭޝަންގެ ޗެއާމަން އަލީ ޝަމީމް ވިދާޅުވީ، މިފަދަ މުބާރާތެއް ބޭއްވުމުގެ އަސްލު މަގުސަދަކީ ދިވެހި ފުޓުބޯޅަ މިއަށްވުރެ އުސް ހަރުފަތަކަށް ގެންދިޔުން ކަމަށެވެ. އެގޮތުން ރާއްޖޭން ވޯލްޑްކަޕް ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށާއި، މީގެ އިތުރުން ދިވެހި ކުޅުންތެރިއަކު ރާއްޖޭން ބޭރުގައި ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ، ދިވެހިންނަކީ އަދިވެސް ފުޓުބޯޅައަށް މަރުދޭ ބައެއް ކަމަށާއި، ފުޓުބޯޅައިގެ ފޯރި ގުޅިފައިވަނީ ދިވެހިންގެ ލެޔާކަމަށާއި، މިއަދާ ހަމައަށްވެސް އެފޯރި ނުކެނޑޭ ކަމަށެވެ.
މި މުބާރާތުގެ ގްރޭޑް 1 ގެ ޗެމްޕިއަން ޓީމަކީ ކަލާފާން ސްކޫލެވެ. އަދި ގްރޭޑް 2 ގެ ޗެމްޕިއަން ޓީމަކީ ރެހެންދި ސްކޫލެވެ.
މިއަހަރުގެ ފިއެސްޓާގައި މާލެ ސަރަހައްދުގެ 20 ސްކޫލަކުން 40 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މި ފިއެސްޓާގައި ޖުމްލަ 720 ދަރިވަރުން ވާދަކުރާނެއެވެ. މިއީ މާލޭގެ ހުރިހާ ސްކޫލަކުން މިހާ ގިނަ ދަރިވަރުން މި ފިއެސްޓާގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.