ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ސްޕެއިންގެ ރަފައެލް ނަޑާލް އާއި ނޯވޭގެ ކެސްޕާ ރުޑް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ފަސްވަނައަށް ސީޑް ކުރެވިފައިވާ ނަޑާލް ޖާގަ ހޯދީ ތިންވަނައަށް ސީޑް ކުރެވިފައިވާ ޖަރުމަނުގެ އެލެގްޒެންޑާ ޒްވަރޭވްއާ ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ދެވަނަ ސެޓްގައި ޒްވަރޭވް ވެއްޓި އޭނާގެ ފަޔަށް އަނިޔާވެގެން މެޗް ދޫކޮށްލަން ޖެހުމުންނެވެ.
މި ހާދިސާ ހިނގިއިރު ފުރަތަމަ ސެޓް ޓައި ބްރޭކަކަށް ގޮސް ހަތެއް ހަޔަކުން ނަޑާލް ކާމިޔާބުކޮށް، އަދި ދެވަނަ ސެޓް އޮތީ ހައެއް ހަޔަކުން އެއްވަރުވެ، ދެވަނަ މެޗްގެ ދެވަނަ ޓައިބްރޭކަކަށް ދިއުމުގެ މަގުމަތީއެވެ. ޒްވަރޭވްއަށް އަނިޔާވެފައިވަނީ އޭނާ ބޯޅައެއްގައި ޖަހަށް އުޅުމުގެ ތެރޭގައި ފަޔަށް އަނިޔާވެގެން ވެއްޓުމުންނެވެ. މި ހާދިސާ ހިނގުމާއެކު ޒްވަރޭވް ފަރުވާއަށް އެދި ގޮވިއިރު، ނަޑާލްވެސް ވަނީ ވަގުތުން ދުވެފައި އޭނާ ކައިރިއަށް ގޮސްފައެވެ.
އެންމެފަހުން ޒުވަރޭވް ކޯޓުން ބާލާފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އަދި ފަރުވާއަށް ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ޒްވަރޭވް ކޯޓަށް ނިކުތީ ދަނޑިގަނޑު ޖަހައިގެންނެވެ. އަދި ކުޅިބަލަން ވަދެ ތިބި އެއްމެންވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން 13 ފަހަރަށް މިމުބާރާތް ކާމިޔާބުކޮށް 14 ވަނަ ފަހަރަށް މިމުބާރާތް ކާމިޔާބުކުރުމުގެ އުއްމީދާއެކު ހުރި ނަޑާލް ހާމަކުރިގޮތުގައި ޒްވަރޭވްއަށް ވީގޮތުން ދެރަވާ ކަމަށެވެ. އަދި މިއީ އޭނާ ފައިނަލަށް ދާން ބޭނުންވި ގޮތް ނޫން ކަމަށްވެސް ބުންޏެވެ. އަދި ޒްވަރޭވްއަށް ފަރުވާދިންއިރު އޭނާ ކައިރީ ހުރެވުމުން އޭނާ ދެރަވެފައިހުރިވަރު އެނގުނު ކަމަށާއި، އޭނާ ރޯތަން ފެނުމުން އަސަރު ކުރި ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުން އަށްވަނައަށް ސީޑް ކުރެވިފައިވާ ރުޑް ޖާގަ ހޯދީ ފަހަތުން އަރައި ކްރޮއޭޝިއާގެ މެރިން ސެލިޗް ބަލިކޮށްގެންނެވެ. މި މެޗް ރުޑް ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. އެއީ ތިނެއް ހައެއް، ހައެއް ހަތަރެއް، ހައެއް ދޭއް އަދި ހައެއް ދޭކުންނެވެ.