ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ހަތަރެއްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗު ނެދަލަންޑްސްއިން ކާމިޔާބުކޮށްފިއެވެ.
ބެލްޖިއަމްގެ ބްރަސެލްސްގައި ކުޅުނު މި މެޗް ނެދަލަންޑްސްއިން ކާމިޔާބުކުރީ ހީކުރި ވަރަށްވުރެ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ. އެގޮތުން މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދީ، ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ ސްޓެވެން ބާގްވައިންއެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއިއެވެ.
މި މެޗްގައި ނެދަލަންޑްސްގެ ތިންވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ޑެންޒެލް ޑަމްފްރީސްއެވެ. އަދި ފަހު ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ޑެޕާއިއެވެ. މިމެޗްގައި ބެލްޖިއަމްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މިޗީ ބަޓްޝުއާއީއެވެ.
މިމެޗްގައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫއަށް ވަނީ އަނިޔާވެގެން ބާލާފައެވެ. އަދި ބެލްޖިއަމްއަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވި ނަމަވެސް، އެޓީމްގެ ބައެއް ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ހަތަރެއްގައި ނެދަލެންޑްސްއިން ބެލްޖިއަމް ބަލިކުރިއިރު، މި ގްރޫޕުގައި ރޭ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕޯލަންޑުންނެވެ.