ކުޅިވަރު

ދަ ގްރާންޑޭ އަތުން ވެލެންސިއާއަށް ފަސޭހަ މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުލަބު ވެލެންސިއާއިން ފަސޭހަކަމާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ވެލެންސިއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ވެލެންސިއާގެ މުޙައްމަދު ޖޫދު އަޝްފާގް އާއި އަގުސަން އަޙްމަދު ނަސީމް ވަނީ ހެޓްރިކް ހަދާފައެވެ. ވެލެންސިއާގެ އަނެއް ހަތަރު ލަނޑު ޖެހީ މުޙައްމަދު ނާމީ ނަޒީފް އާއި މުޙައްމަދު އައިހަމް އިބްރާހީމް އާއި މުޙައްމަދު ނައިސަމް ނަދީމްގެ އިތުރުން އަބްދުލް އައްވަލް މައުރޫފްއެވެ.

ވެލެންސިއާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުގައެވެ. މި ހާފުގައި ދަ ގްރާންޑޭއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ދަ ގްރާންޑޭއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރީ ނަހުވާން އަޙްމަދުއެވެ.

މި ފަހަރުގެ މުބާރާތުގައި މީގެ ކުރިން އަށް ޓީމު ބައިވެރިވެފައިވީ ނަމަވެސް، ކުލަބު ގްރީން ސްޓްރީޓްސްއިން މުބާރާތުގައި ބައިވެރިނުވާން ފަހުން ވަނީ ނިންމާފައެވެ. އެހެންކަމުން ގްރީން ސްޓްރީޓްސް ހިމެނޭ ގްރޫޕް ބީގައި މިހާރު ހިމެނޭ ޓީމުތަކަކީ ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ، މާޒިޔާ، ޓީސީ، ސަސް އަދި ޔޫވީއެވެ.

16 އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޯބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، ސައުދީ އާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި އޮތީ އިންޑިއާ އާއި، މިޔަންމާ އަދި ކުވޭތެވެ.