މުނިފޫހިފިލުވުން

ދީރަޖް "ކުންޑަލީ ބާގްޔާ" ދޫކޮށްލަނީ ކީއްވެ؟


ފަސް އަހަރަށްފަހު "ކުންޑަލީ ބާގްޔާ" ގެ ލީޑްރޯލުން ފެންނަ ދީރަޖް ދޫޕްރާ އެ ޝޯ ދޫކޮށްލަން ނިންމައިފިއެވެ. ދީރަޖް ޝޯ ދޫކޮށްލިކަން ޕްރޮޑަކްޝަން ޓީމުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޮޑު ކެރެކްޓާއެއް ދީރަޖް ދޫކޮށްލަން ނިންމީ އޭނާ ބައްޕައަކަށް ވާން އުޅޭތީ އާއިލާއަށް ވަގުތު ދިނުމަށެވެ. ކަންތައްތައް ހަމައަކަށް އެޅުމުން އަނެއްވެސް ޓީވީ ސްކްރީނަށް އެބުރި އަންނާނެކަމަށް ދީރަޖް ވަނީ ބުނެފައެވެ.

ޒީޓީވީން ދައްކާ "ކުންޑަލީ ބާޔްގާ" ގައި ދީރަޖްގެ ބަދަލުގައި ދެން ފެންނާނީ "މޭރީ އާޝިގީ ތުމްސޭ ހީ" ގައި މިލަން ވަގޭލާގެ ރޯލުން ފެނުނު ޝަކްތީ އަރޯރާއެވެ. ނަމަވެސް ޝަކްތީ ކުޅޭނީ ދީރަޖް ކުޅުނު ކަރަން ލޫތްރާ ގެ ރޯލުކަމެއް ނުވަތަ އާ ރޯލެއް ކަމެއް ނޭގެއެވެ.

ޝަކްތީ އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ނިންމާލާފައިވާ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އިންނެވެ. ޓީވީ ޝޯއަކަށް ޝަކްތީ އެބުރި މިއަންނަނީ ތިން އަހަރު ފަހުންނެވެ.
އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކޮށް 2017 ވަނަ އަހަރު ޖުލައި މަހު ގެނެސްދޭ ފެށި "ކުންޑަލީ ބާގްޔާ" އަކީ ބެލުންތެރިންގެ ލޯބި ލިބިފައިވާ ކާމިޔާބު ޝޯއެކެވެ.