ޚަބަރު

ޔޫކްރެއިނުން ގޮވާން ބޭރުކުރަން މަގުފަހިކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވެއްޖެ


ޔޫކްރެއިނުން ގޮވާން ބޭރުކުރަން މަގުފަހިކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާކަމަށް ސެނެގާލުން ބުނެފިއެވެ.

ރަޝިޔާގެ ރިސޯޓު ރަށެއްކަމަށްވާ ސޯޗީގައި އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ސެނެގާލްގެ ރައީސް މެކީ ސޯލް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ޔޫކްރެއިނުން ގޮވާން ބޭރުކުރަން މަގުފަހިކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާކަމަށެވެ. އެފްރިކާގެ ޤައުމުތަކުގެ އިއްތިޙާދުގެ ޗެއާމަންގެ ހައިޞިއްޔަތުން ކުރެއްވި މަޝްވަރާތަކަށްފަހު ސޯލް ވިދާޅުވީ އެފްރިކާގެ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ރަޝިޔާއިން ގޮދަނާއި ގަސްކާނާ ފޯރުކޮށްދިނުމަށްވެސް ޕުޓިން އެއްބަސްވެވަޑައިގެންނެވިކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ގޮވާން ބޭރުކުރުމަށް މަގުފަހިކޮށްދިނުމަށާއި އެފްރިކާގެ ޤައުމުތަކަށް ރަޝިޔާއިން ގޮދަނާއި ގަސްކާނާ ފޯރުކޮށްދިނުމަށް ޕުޓިން އެއްބަސްވެވަޑައިގަތް ޝަރުތުތަކެއް ސޯލް ޢާއްމެއް ނުކުރައްވައެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރަޝިޔާ ކުށްވެރިކޮށް އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެފްރިކާގެ ޤައުމުތަކުން ތާޢީދުކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ޕުޓިން ވިދާޅުވެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލެވޭނީ ރަޝިޔާއާ ދެކޮލަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށެވެ. އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑުރާގީއާ ކުރެއްވި މަޝްވަރާތަކުގައި ޕުޓިން ވިދާޅުވެފައިވަނީ ގޮދަނާއި ގަސްކާނާ އެހެން ޤައުމުތަކަށް ފޯރުކޮށްދީގެން ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލަން އެ ޤައުމުން ބޭނުންވާކަމަށެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލަން ރަޝިޔާއަށް ގިނަ މަސައްކަތްތަކެއް ނުކުރެވޭނެކަމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ގޮދަނާއި ގަސްކާނާ އުފައްދައި އެހެން ޤައުމުތަކަށް ބޭރުކުރާ ޤައުމަކީ ރަޝިޔާއެވެ. އަދި ޔޫކްރެއިނަކީ ދުނިޔޭގައި ފަސްވަނައަށް އެންމެ ގޮދަން ބޭރުކުރާ ޤައުމެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ދެ ޤައުމުންވެސް ގޮދަނާއި ގަސްކާނާ ބޭރުނުކުރެވި ދުނިޔޭގެ ކާބޯތަކެތީގެ އަގިތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.