ޚަބަރު

އިތުރު ދެ މަސްދުވަހަށް ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ


ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ޔަމަނުގައި އިތުރު ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެއެވެ.

އދން މެދުވެރިއެއްގެ ދަޢުރުޢަދާކޮށްގެން ޔަމަނުގައި ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލަން ސަޢުދީ ޢަރަބިއްޔާއިންނާއި އިދިކޮޅު ޚޫޘީ ޖަމާޢަތުން އެއްބަސްވެފައިވަނީ ރަމަޟާން މަހާ ދިމާކޮށެވެ. އެއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ދެ ފަރާތުގެ މެދުގައި އެފަދަ އެއްބަސްވުމެއް ޤާއިމުކޮށް ޙަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައި ބޭއްވި މަޝްވަރާތަކަށް ޖާގަދިނުމަށްށެވެ.

އިތުރު ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށްފަހު ސަޢުދީ ޢަރަބިއްޔާއާއި ޚޫޘީންނާ ދެމެދު އުރުދުންގެ އައްމާނުގައި އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖައްސައިފައެވެ. އދން ބުނެފައިވަނީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލުމުން އެ ކަމުގެ ފައިދާ އެ ޤައުމުގެ ޢާއްމުންނަށް ކުރިކަމަށާއި ޙަމަލާބަދަލުކުރުން ހުއްޓާލުމަށްވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރުން މުޙިއްމުކަމަށެވެ.

އޭޕުރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލުމަށްފަހު މަޝްވަރާއަށް ޖާގަދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން ޙައްޔަރުކޮށްފައިވާ ޚޫޘީ ޖަމާޢަތަށް ނިޞްބަތްވާ 100އަށްވުރެ ގިނަ ހަނގުރާމަވެރިންވަނީ މިނިވަންކުރުމަށްފަހު އަނބުރާ ޔަމަނަށް ފޮނުވާލައިފައެވެ. އީރާނުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ޚޫޘީންވަނީ އެ ޖަމާޢަތުގެ 1،400 ހަނގުރާމަވެރިން މިނިވަންކޮށްފިނަމަ ބަދަލުގައި 823 މީހުން މިނިވަންކުރުމަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސަޢުދީ އަރަބިއްޔާއަށް ނިޞްބަތްވާ 16 މީހުންނާއި ސޫދާނަށް ނިޞްބަތްވާ ތިން މީހުން ހިމެނެއެވެ. މި އަހަރުގެ ތެރޭގައި ޚޫޘީންވަނީ 400 ޤައިދީން މިނިވަންކޮށްފައެވެ. އެންމެ ފަހުން ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު 1،000 ޤައިދީން މިނިވަންކޮށްފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ސަޢުދީ އަރަބިއްޔާއިން ތާޢީދުކުރާ ޚޫޘީން ޢަބްދުރައްބު މަންޞޫރު ހާދީގެ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ. އަދި މަންޞޫރު ހާދީވަނީ ވެރިކަމުގެ ބާރުތައް ރިޔާސީ މަޖިލީހަކަށް ބަދަލުކުރައްވައި އޭނާގެ ނައިބު މަޤާމުން ވަކިކުރައްވައިފައެވެ.