ޚަބަރު

ހަނގުރާމައަށް 100 ދުވަސް، ޔޫކްރެއިނުގެ %20 ރަޝިޔާގެ ބާރުގެ ދަށަށް


ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ޤައުމުގެ %20 ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވީ އެ ޤައުމުގެ ފަސްބައިކުޅަ އެއްބައި ނުވަތަ %20 އޮތީ ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައިކަމަށާއި ހަނގުރާމައިގެ ކުރީ ސަފު 1،000 ކިލޯމީޓަރަށް ފެތުރިފައިވާކަމަށެވެ. އަދި ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގައި އެ ޤައުމުގެ ފައުޖުތަކަށް ކުރިމަތިވެފައިވަނީ ނުރައްކާތެރި އަދި އުނދަގޫ ޙާލަތަކާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ހަނގުރާމައިގެ ކުރީކޮޅުގައި ޔޫކްރެއިނުގެ ފައުޖުތަކާއެކު ޙަރަކާތްތެރިވުމަށް އެތައް ހާސް ކުލީ ސިފައިންނެއް އެހެން ޤައުމުތަކުން ފޮނުވި ނަމަވެސް ކުލީ ސިފައިންގެ ޢަދަދު ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެ ގޮތުން ކުލީ ސިފައިންގެ ޢަދަދު 6،000ން ގާތްގަނޑަކަށް 3،500އަށް މަދުވެފައިވާކަމަށް އެ ވުޒާރާއިން ލަފާކޮށްފައިވެއެވެ. ހުޅަނގުގެ ބާރުތަކުންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެއީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ދިގުލައިގެންދާނެ ކަމެއްކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލާނީ ރަޝިޔާގެ އަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްފަހުކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެ މަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނުގެ ތިން ސަރަޙައްދަކުން ރަޝިޔާގެ ފައުޖުތައްވަނީ ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް ފާއިތުވި މަސްދުވަހުގެ ތެރޭގައި ޔޫކްރެއިނުގެ އުތުރުގައި އޮންނަ އެ ޤައުމުގެ ވެރިރަށް ކިޔޭވަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި ދޮންބާސަށް ދެމުންދާ ޙަމަލާތައްވަނީ ވަރުގަދަކޮށްފައެވެ. އެ ގޮތުން ދޮންބާސްގެ ދެ ދަޢުލަތުގެ ތެރެއިން ލުހާންސްކުގެ ހުރިހާ ސަރަޙައްދެއް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމާ ކައިރިއަށް އެ ޤައުމުންވަނީ ޖެހިލައިފައެވެ. އޭގެ އިތުރުން ދޮންބާސްގެ އަނެއް ދަޢުލަތްކަމަށްވާ ދޮންޔެސްކުގެ ބޮޑު ސަރަޙައްދެއްވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޔޫކްރެއިނުގެ ދެކުނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކާރްސަންވެސްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އަޒޯވު ކަނޑާއި ކަޅު ކަނޑުގެ ސަރަޙައްދުގައިވެސް އޮތީ ރަޝިޔާގެ ބާރެވެ.