ކުޅިވަރު

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރުޑިގާ ރެއާލަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުންދިޔަ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ، ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރުޑިގާ ރެއާލަށް ބަދަލުވިއިރު، ޗެލްސީން އެ ކުލަބުގައި އޭނާ ބަހައްޓަން ކުރި މަސައްކަތަށް ރުޑިގާ ވަނީ ދެކޮޅު ހަދާފައެވެ.

ރުޑިގާ ޗެލްސީގައި ބެހެއްޓުމަށްޓަކައި އެ ކުލަބުން ވަނީ އޭނާއަށް ހަފުތާއަކު ދުއިސައްތަ ހާސް ޕައުންޑުގެ މުސާރައެއް ދިނުމަށްވެސް އެއްބަސްވެފައެވެ. ނަމަވެސް އޭނާ ވަނީ އެކަމަށްވެސް ދެކޮޅު ހަދާފައެވެ. އަދި ރެއާލާ ގުޅުމުގެ ކުރިން ބަޔާން މިޔުނިކާވެސް ރުޑިގާ ވާހަކަ ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރުޑިގާ ރެއާލާ ގުޅިފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީ ދޫކޮށް ރުޑިގާ ރެއާލަށް ބަދަލުވިއިރު، އޭނާ ވަނީ ޗެލްސީއަށް 203 މެޗް ކުޅެދީ، އެ ޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލްއިން ހާމަކުރިގޮތުގައި އެ ކުލަބުން ރުޑިގާ ރަސްމީކޮށް އާންމުންނަށް ތައާރަފުކުރާނީ މި މަހުގެ 20 ވަނަ ދުވަހުއެެވެ.