ޚަބަރު

މާންދޫ މަސްދަޅުގެ އަގުވެސް ބޮޑުކޮށްފި


ދުނިޔޭގެ ބާޒާރުގައި ތަކެތި އަގުތައް އުފުލެމުން ދިޔުމާއެކު، ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ އުފެއްދުން "މާންދޫ މަސް" ތައްޔާރުކުރުމަށް ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ތަކެތީގެ ތެރެއިން މަސް ދަޅަށް އަޅާ ތެލުގެ އަގުތައް އުފުލިފައިވާތީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނެސްފައިވާ ބަދަލާއިއެކު ކުރިން 10 ރުފިޔާއަށް ވިއްކި 100 ގްރާމް ތެޔޮ މަސް ދަޅެއްގެ އަގު ވަނީ 12 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މި ސައިޒުގެ ތެޔޮ މަސް ދަޅު ކޭހެއްގެ ހޯލްސޭލް އަގު ވަނީ 400 ރުފިޔާ އަށް ބޮޑުވެފައެވެ. ކުރިން ތެޔޮ މަސްދަޅު ކޭހެއްގެ ހޯލްސޭލް އަގަކީ 320 ރުފިޔާ އެވެ. އަދި ކުރިން 9 ރުފިޔާއަށް ވިއްކި 100 ގްރާމް ފެން މަސް ދަޅެއްގެ އަގު ވަނީ 11 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މި ސައިޒުގެ ފެން މަސް ދަޅު ކޭހެއްގެ ހޯލްސޭލް އަގު ވަނީ 380 ރުފިޔާ އަށް ބޮޑުވެފައެވެ. ކުރިން ތެޔޮ މަސްދަޅު ކޭހެއްގެ ހޯލްސޭލް އަގަކީ 300 ރުފިޔާއެވެ.

ރަޝިއާ- ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. ޚާއްސަކޮށް ޕެޓްރޯލާއި ޑީސަލްގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެއިތުރުން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫއަރައި، ސަޕްލައިކުރުމުގެ މަސައްކަތަށްވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.