ކުޅިވަރު

މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ރަން މެޑެއްޔަށް އަމާޒުހިފުން: ރަނޭ


މަތީ ފެންވަރުގެ ބިދޭސީ ކުޅުންތެރިން ގެނެސް، ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި އެ ކުޅުންތެރިންގެ ކުޅުން ދައްކާލުމުގެ ބޭނުމަކީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ރަން މެޑެއްޔަށް އަމާޒުހިފުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށްދިޔަ "ވީއޭއެމް ސީޒަން ޑްރާފްޓް" ނައިޓުގައި ވަނީ އިންޑިއާގެ މަޝްހޫރު ޕްރައިމް ވޮލީބޯޅަ ލީގުގައި ކުޅޭ، އެ ގައުމުގެ 18 ކުޅުންތެރިން ރާއްޖޭގެ ހަ ކުލަބަށް ބަހާލާފައެވެ.

ވީއޭއެމުން ބުނީ އެ އެސޯސިއޭޝަނުގެ ޚަރަދުގައި ބިދޭސީ ކުޅުންތެރިން ގެނެސް، ޓީމުތަކަށް ހަމަޖައްސައިދިނުމުގެ ބޭނުމަކީ ރާއްޖޭގެ ލޯކަލް ވޮލީ ވަރުގަދަކުރުން ކަމަށެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވީ އުއްމީދަކާއެކު މަސައްކަތް ކުރާނަމަ ބަދަލުތަކެއް ގެނަސްގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވޮލީގައި ރިހި މެޑަލުން ފުއްދާލުމުގެ ބަދަލުގައި، ރަން މެޑައްޔަށް އަމާޒު ހިފާފައިވާ ކަމަށް ރަނޭ ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފައިދާ ބޮޑުވާނެ ކަމަށާއި، އެގޮތުން މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅޭ 32 މެޗުން ގައުމީ ޓީމުގެ 24 ކުޅުންތެރިންނަށް ލިބޭނީ ބޭނުން ހިފޭނެ މުހިންމު ތަޖުރިބާއެއް ކަމަށެވެ.

ވީއޭއެމުން ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކުލަބުތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ. އެގޮތުން ކޮންމެ ކުލަބަކަށްވެސް އެ ކުލަބުން ބޭނުންވާ މަގާމުތަކަކަށް ތިން ކުޅުންތެރިން ނެގުމުގެ ފުރުސަތު ހަމަހަމަ އުސޫލެއްގެ ތެރެއިން ވީއޭއެމުން ވަނީ ވަނީ ދީފައެވެ. ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި މި ފަހަރު މި ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ، އިންޑިއާގެ މަޝްހޫރު ޕްރައިމް ވޮލީބޯޅަ ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ތަރިންނެވެ.