ޚަބަރު

ޖަޕާނުން އިތުބާރުކުރުން ހުއްޓާލުމުން އެހީހޯދުމަށް ލަންކާއަށް ދަތިތަކެއް


ޖަޕާނާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށާއި އެ ޤައުމުގެ އެއްވެސް އިތުބާރެއް ސުރީ ލަންކާއަށް ނެތްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ރަނިލް ވިދާޅުވެފައިވަނީ އެ ޤައުމާ ރަޙުމަތްތެރި ޤައުމުތަކުންނާއި އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ މަޝްވަރާކުރަމުންދާކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ޖަޕާނު ނުހިމެނޭކަމަށާއި އެ ޤައުމުގެ އިތުބާރު އަލުން ހޯދައި އެހީތެރިކަމަށް އެދެން ދުވަސްތަކެއް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ދަރަނީގެ ތެރެއިން ފަސް ބިލިޔަން އެމެރިކާ ޑޮލަރު މި އަހަރުގެ ތެރޭގައި ދައްކަން މަސައްކަތްކުރާކަމަށްވެސް ރަނިލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ ގޮތުން ސުރީ ލަންކާއިން މަސައްކަތްކުރަނީ އިތުރު އެއް ބިލިޔަން އެމެރިކާ ޑޮލަރު ހޯދައި ބޭރު ފައިސާގެ ރިސާވު އިތުރުންކަމަށް ރަނިލް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފާއެކު މަޝްވަރާކުރަމުންދާކަމަށާއި އެ އިދާރާއިން ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ އުއްމީދު އައުވެފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ސުރީ ލަންކާއިން މަސައްކަތްކުރަނީ އައިއެމްއެފުން ތިން ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމަށްށެވެ.

ސުރީ ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ޤާނޫނުހަދާ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުކަން ފާހަގަކުރައްވަމުން ރަނިލް ވިދާޅުވީ ނަޝީދު އެންމެ ބޮޑު އިސްކަމެއް ދެއްވަމުންދަނީ ސުރީ ލަންކާއަށް ބޭނުން ޖެހިފައިވާ ބޭހާއި ޞިއްޙީ ސާމާނު ބޭރުގެ އެކި ފަރާތްތައް މެދުވެރިކޮށް ހޯއްދެވުމަށްކަމަށެވެ. އަދި ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލުމަށްވެސް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން ރަނިލްވަނީ ދެއްވައިފައެވެ.