"ތްރޫ ދަ އައިސް އޮފް ވެންގޯ" އިންޓަރނޭޝަނަލް އާޓް ކޮންޕެޓިޝަން އެންޑް އެގްޒިބިޝަން ބާއްވައިފިއެވެ.
މި އެގްޒިބިޝަނަކީ ނޭޝަނަލް އާޓް ގެލެރީއާ މިއުސް ގުޅިގެން ބާއްވާ އެގްޒިބިޝަނެކެވެ.
މި އެގްޒިބިޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ އެގްޒިބިޝަނުން ފެނިގެންދާ ކުރެހުންތަކަކީ، ކުރެހުންތެރިންގެ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާ، މިއިން އެނގިގެންދަނީ ރާއްޖޭގައި ވަރަށް ހުނަރުވެރި ކުރެހުންތެރިން ތިބިކަން ކަމަށެވެ. އަދި ކުރެހުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް އެމަގު ތަނަވަސް ކޮތްދރެއްވުމަށް އެމިނިސްޓްރީން މަސައްކަތް ކުރައްވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކުރެހުންތެރިންނަށް ޕްލެޓްފޯމްސް ހޯދައިދީ މިފަދަ މައުރަޒު ބާއްވައި އުފައްދާ އުފެއްދުންތައް ވިއްކޭނެ މާހައުލެއް ތަނަވަސް ކޮށްދިނުން އަޅުގަނޑުމެންގެ މިނިސްޓްރީންނާއި އެންސީއޭއިންވެސް ކުރަމުން މިއަންނަނީ. ގޮންޖެހުންތަކެއް އެބަހުރި. އެހެންނަމަވެސް ބުރަ މަސައްކަތްތަކެއްވެސް އެބަ ކުރެވޭ." ޔުމްނާ މައުމޫން ވިދާޅުވިއެވެ.
މި މަހުގެ 5ވަނަ ދުވަހާ ހަމައަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި އެގްޒިބިޝަން 320 ވުރެ ގިނަ އާޓިސްޓުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ހޮވިފައިވަނީ 80 އަށްވުރެ ގިނަ އާޓިސްޓުންނެވެ. އަދި މީގެ ފަހުން ކޮންމެ އަހަރަކުވެސް މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަންގެ ކުރެހުންތަކަކީ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެންގޯގެ ކުރެހުންތަކުގެ މައްޗަށް ބިނާކޮށް ކުރަހާފައިވާ ކުރެހުންތަކެކެވެ.
އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ، މި އެގްޒިބިޝަނުން 1ވަނަ، 2ވަނަ އަދި 3 ވަނައަށް އައި ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ. ފައިސާގެ އިނާމްގެ ގޮތުގައި 1ވަނައަށް 20000 ރުފިޔާ، 2ވަނައަށް 10000 ރުފިޔާ އަދި 3ވަނައަށް 5000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
މި އެގްޒިބިޝަން ކުރިއަށް ގެންގޮސްފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. މި ރަސްމިއްޔާތުގައި އުރީދޫގެ ޗީޕް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް އާއި ފެނަކައިންވެސް ބައިވެރިވިއެެވެ.