ޚަބަރު

ރަޝިޔާއިން ހަނގުރާމައިގެ މުޙިއްމު ލަނޑުދަނޑިއެއް ކާމިޔާބުކުރުމާ ގާތަށް


ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި މުޙިއްމު ލަނޑުދަނޑިއެއް ކާމިޔާބުކުރުމާ ގާތަށް ރަޝިޔާ ޖެހިލައިފިއެވެ.

ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސަށް ދެމުންދާ ޙަމަލާތައް ރަޝިޔާގެ ފައުޖުތަކުންވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެ ޤައުމުގެ ޢަމާޒުކަށްވެފައިވަނީ ދޮންބާސްގެ ދެ ދަޢުލަތްކަމަށްވާ ދޮންޔެސްކާއި ލުހާންސްކް އެ ޤައުމުގެ ބާރުގެ ދަށަށް ގެނައުމަށެވެ. އެ ގޮތުން ދޮންޔެސްކުގައި އޮންނަ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ މެރިއުޕޯލް ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ޤައުމުގެ ފައުޖުތަކުންވަނީ ލުހާންސްކުގެ ގިނަ ޢަދަދެއްގެ ރަށްތަކަކަށް ޙަމަލާދޭން ފަށައިފައެވެ. އޭގެ ތެރެއިން މުޙިއްމު ރަށެއްކަމަށްވާ ލީމާވަނީ ރަޝީޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއަށްފަހު ލުހާންސްކުގެ ސިނާޢީ ސަރަޙައްދުތަކަށް ރަޝިޔާއިންވަނީ ކާމިޔާބު ޙަމަލާތަކެއް ދީފައެވެ. އެއާއެކު ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ލުހާންސްކުގެ ހުރިހާ ސަރަޙައްދެއް ގެނައުމުގެ ބޮޑު ފުރުޞަތެއް ރަޝިޔާއަށްވަނީ ފަހިވެފައެވެ.

ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ދޮންބާސަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފެށުމުން އެމެރިކާއިންވަނީ ޔޫކްރެއިނަށް ޒަމާނީ ދުރުރާސްތާ މިސައިލް ނިޒާމުތަކެއް ފޮނުވުމަށް ނިންމައިފައެވެ. ރަޝިޔާއިން ބުނެފައިވަނީ އެމެރިކާގެ ނިންމުމަކީ އަލިފާނަށް ތެޔޮއެޅުންކަމަށާއި އެ ނިންމުމުގެ ސަބަބުން ތިންވަނަ ޤައުމެއް ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށްށެވެ. ހަނގުރާމައިގެ މައިދާނަށް ޒަމާނީ ދުރުރާސްތާ މިސައިލް ނިޒާމު ފޮނުވުމަށް އެމެރިކާއިން އެއްބަސްވެފައިވަނީ އެ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާނުދޭނެކަމުގެ ޔަޤީންކަން ޔޫކްރެއިނުން ދިނުމުންނެވެ. އޭގެ އިތުރުން ހަނގުރާމަމަތީ ޑުރޯން ޔޫކްރެއިނަށް ވިއްކުމަށްވެސް އެމެރިކާއިންވަނީ މަޝްވަރާ ފަށައިފައެވެ.

ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމެރިކާއިންވަނީ ޔޫކްރެއިނަށް 50 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ނިންމައިފައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ޚަރަދުކުރުމަށް ނިންމާފައިވަނީ ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމާއި އެ ނޫންވެސް އެކި އަސްކަރީ ޚަރަދުތައް ކުރުމަށެވެ.