ވިލާތުގެ އިއްތިޙާދުގެ ދިފާޢީ ސިޔާސަތުގައި ބައިވެރިވުމަށް ޑެންމާކުން ނިންމައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި ޑެންމާކުގައިވަނީ ވިލާތުގެ އިއްތިޙާދުގެ ދިފާޢީ ސިޔާސަތުގައި ބައިވެރިވުމަށް ޢާއްމުންގެ ފެންނަނުފެންނަ ވޯޓެއް ނަގައިފައެވެ. އެ ވޯޓުގައި ޑެންމާކުގެ ޢާއްމުންގެ %67 މީހުން ބޭނުންވާކަމަށް ނިންމާފައިވަނީ ވިލާތުގެ އިއްތިޙާދުގެ ދިފާޢީ ސިޔާސަތުގައި ބައިވެރިވުމަށެވެ. އެއާއެކު ވިލާތުގެ އެހެން ޤައުމުތަކުގެ އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި އަސްކަރީ ސާމާނު ހޯދުމަށް ޑެންމާކަށް އިތުރަށް ފަސޭހަވާނެއެވެ.
ޑެންމާކަކީ ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމަކަށްވި ނަމަވެސް ވިލާތުގެ އިއްތިޙާދުގެ ދިފާޢީ ސިޔާސަތުގައި ބައިވެރިނުވުމަށް 1993ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުންވަނީ ނިންމައިފައެވެ. އެ ޤައުމުން އެ ގޮތަށް ނިންމާފައިވަނީ އެފަދަ ސިޔާސަތެއް ތަންފީޒުކުރުމަކީ ޚަރަދު ބޮޑު ކަމަކަށްވުމުންނެވެ. ނަމަވެސް އެ ސިޔާސަތުގައި ބައިވެރިވުމަށް ނިންމުމަށްފަހު ޑެންމާކުން ބުނެފައިވަނީ އެއީ ރަޝިޔާއަށް ދިން ރައްދެއްކަމަށާއި އެ ޤައުމުގެ އިސްތިޢުމާރީ ޢަމަލުތަކުގެ ސަބަބުން ވިލާތުގެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވުން ނޫންކަމެއް ޙާޞިލުނުވާނެކަމަށެވެ.
ޔޫކްރެއިނަށް ރަޝިޔާއިން ޙަމަލާދޭން ފެށުމުން ސުވިޑަންނާއި ފިންލޭންޑުންވެސްވަނީ ނޭޓޯގެ މެންބަރުކަން ހޯދުމަށް ރަސްމީކޮށް ހުށަހަޅައިފައެވެ. ފިންލޭންޑަކީ ރަޝިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރައި ޤައުމެކެވެ.