ޚަބަރު

މާލިއްޔަތު ޤަވާއިދަށް އަހުލުވެރިވާންޖެހޭ - ޑިފެންސް މިނިސްޓަރ


ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން އޮފީސްތައް ހިނގަވައި ރައްޔިތުންނަށް ޚިދުމަތްދެއްވާއިރު، މާލިއްޔަތު ޤާނޫނުގެ ދަށުން ހެދިފައި ހުންނަ ޤަވާޢިދުތަކާ އުޞޫލުތަކަށް ވަރަށް ބޮޑަށް އަހުލުވެރިވާންޖެހޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.ދައުލަތުގެ ފައިސާއާ ހިސާބުތަކާބެހޭބެހޭ ޤަވާޢިދުތަކަށް އެމްއެންޑީއެފްގެ ދަށުން ހިނގަވާ މުއައްސަސާތަކުގެ  އޮފިޝަލުން އަހުލުވެރިކުރެއްވުމަށް ކޯސްޓްގާރޑް ބިލްޑިންގގައި ބޭއްވެވި މަސައްކަތު ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މާލިއްޔަތު ޤާނޫނާއި އަދި ޤަވާޢިދުތަކާ އުޞޫލުތަކަށް އަހުލުވެރިވެގެން ނޫނީ މިކަމުގެ ފައިދާ ފުރިހަމަގޮތުގައި ލިބޭގޮތަށް  މަސައްކަތްކުރެވިގެން ނުދާނެކަމަށެވެ. މީގެ އިތުރުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދްވާއިރުވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ދައުލަތު މާލީއްޔަތު ޤަވާޢިދަކީ ދައުލަތުގެ މުއައްޞަސާތަކުގެ މާލީކަންކަން ހިންގާ ހުރިހާ މުއައްޒަފުންނަށް އެނގުން މުހިންމު ޤަވާޢިދެއްކަމަށެވެ.މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ މުއްދަތަށް ބާއްވަވާ މި މަސައްކަތު ބައްދަލުވުމުގައި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ޤަވާޢީދަށް ޢަމަލުކުރުމުގެ މުހިންމުކަމާއި، މުސާރައާ ގުޅުން ހުރި ހިސާބުތައް ބަލަހައްޓާނެ ގޮތްތަކާއި، ޚިދުމަތާއި ތަކެތި ހޯދުމާއި އަތްމަތީގެ ފައިސާގެ ހިސާބާއި ތިޖޫރި ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ އިތުރުން ހަރުމުދަލުގެ ތެރޭގައި ހިމެނޭ ކޯޑު ނަންބަރު ޖަހައިގެން ނުބެލެހެއްޓޭ ތަކެރި ބަލަހައްޓާނެ ގޮތް އަދި މުދާ ނީލަމަށް ލުމާއި ނައްތާލުމާބެހޭ ގޮތުން މައުލޫމާތުދިނުން  ހިމެނެއެވެ.ޖުމްލަ 8 ދަންފަޅިއަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާބެހޭ ޤަވާޢިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެމްއެންޑީއެފްގެ ޔުނިޓްތަކުގައި ބޭނުންކުރުމަށްޓަކައި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޒިންމާތައް ހިމެނޭ ކަރުދާހެއް އެކުލަވާލެއްވުންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.މިމަސައްކަތު ބައްދަލުވުމުގައި، ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަވާ މުއައްސަސާތަކުން ޖުމްލަ 140 މުވައްޒަފުން ބައިވެރިކުރައްވާފައިވެއެވެ.