އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އައިޓީއެފްސީން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން އެސްޓީއޯއަށް ދޭ ފައިނޭންސިން ފެސިލިޓީ ބޮޑުކޮށްދީފިއެވެ.
މި ފައިނޭންސިން ފެސިލިޓީ ބޮޑުކޮށްދީފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު އައިއެސްޑީބީ ގްރޫޕްގެ އަހަރީ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެސްޓީއޯއިން ވަނީ އައިޓީއެފްސީއާއި އެކު 175 މިލިއަން ޑޮލަރު ނުވަތަ 2.6 ބިލިއަން ރުފިޔާގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއެކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއެކުރީ ސީއީއޯ ހާނީ ސާލެމްއެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ،
We have signed a $175 million financing facility with our long-standing partner @ITFCCORP during @isdb_group Annual Meeting.
— STO (@stoplc) June 1, 2022
Our MD @HusenAmr & CEO of ITFC Eng. Hani Salem Sonbol signed the document.
This signing was witnessed by the Hon. Minister of Finance @iameeru pic.twitter.com/aavzx2oHoC
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯއިން ބުނީ މީގެ ކުރިންވެސް އައިއެސްޑީބީން އެކުންފުންޏަށް ފައިނޭންސް ފެސިލިޓީގެ ދަށުން ފައިނޭންސިން ހަމަޖައްސައިދެމުންދާކަމަށެވެ. އަދި ކޮންމެ އެއް އަހަރުން އަނެއް އަހަރަށް ފައިނޭންސް ބޮޑުކޮށްދެމުންދާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
މި ފައިނޭންސިން ފެސިލިޓީގެ ދަށުން ކުރާ މައިގަނޑު މަސައްކަތަކީ ތެލާއި ކާޑާއި ބޭސް އެތެރެކުރުން ކަމުގައި އެސްޓީއޯއިން ބުނެއެވެ.
ދިވެހިރާއްޖެއަކީ އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން މެދުނުކެނޑި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ޤައުމެކެވެ. އެގޮތުން އައިޓީއެފްސީން ވަނީ މީގެކުރިންވެސް އެސްޓީއޯއަށް މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާދީފައެވެ. އައިޓީއެފްސީގެ މައިގަނޑު މަޤްސަދަކީ އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް އެޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.