ކޮންމެ ފަހަރެއްގެ ސީޒަން ފެށުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު، ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމުގައި ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ކުރިން މި މެޗު އާންމު ގޮތެއްގައި ކުޅެނީ އިންގްލެންޑުގެ ރަސްމީ ސްޓޭޑިއަމް ވެމްބްލީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މެޗް އެހެން ސްޓޭޑިއަމަކަށް ބަދަލުކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ އެއް ދުވަސް ފަހުން ވިމެންސް ޔޫރޯ 2022 ގެ ފައިނަލް މެޗް ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާތީއެވެ.
މިފަހަރުގެ ކޮމިއުނިޓީ ޝީލްޑް މެޗްގައި ބައްދަލުކުރާނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ލިވަޕޫލެވެ. މިދިޔަ ސީޒަންގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރީ ސިޓީ އާއި ލެސްޓާއެވެ.
މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗު ވަނީ އާންމުކޮށް ކުޅެން އޮންނަ އިރަށްވުރެ އަވަސްކޮށްފައެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް އާންމުކޮށް ބާއްވާ ޖޫން ޖުލައިގެ ބަދަލުގައި އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްފައިވުމުންނެވެ. އެހެން ކަމުން އަހަރުގެ ފަހުކޮޅު ވޯލްޑް ކަޕަށް ޖާގަ ދިނުމުގެ ގޮތުން ލީގުގެ ފެށުން އަވަސް ކުރުމަށް ވަނީ ނިންމާފައެވެ.
އަދި މިހާރު ހަމަޖެހިފައިވާގޮތުން ޕްރިމިއާ ލީގުގެ ކުޅުން މި އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ފަށާނެއެވެ. އަދި އެއަށްފަހު ވޯލްޑް ކަޕަށް ޖާގަ ދިނުމުގެގޮތުގައި މެޗް ޑޭ 16 އަށް ފަހު، ނޮވެމްބަރު 13 ގައި މުބާރާތް މެދުކަނޑާލާނެއެވެ. ދެން ލީގު ފެށުމަށް ހަމަޖެހިފައިވަނީ ވޯލްޑް ކަޕް ނިމޭތާ އަށް ދުވަސް ފަހުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.