ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ޓީމު އުޒްބެކިސްތާނަށް


އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އުޒްބެކިސްތާނަށް ދިއުމަށް ދަތުރު ފަށައިފައެވެ.

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށްގެން އުޒްބެކިސްތާންގައެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އުޒްބެކިސްތާނަށް ދިޔުމަށް ފުރާފައެވެ.

މި ފަހަރުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް މިދިޔަ މެއި މަހު 17 ވަނަ ދުވަހު ފެށީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ނުލައެވެ. އެއީ އޭރު މާޒިޔާ ޓީމު، އިންޑިއާގެ ކަލްކަތާގައި އޭއެފްސީ ކަޕުގެ މެޗުތަކުގައި ވާދަކުރަމުން ދިޔުމާ ގުޅިގެންނެވެ.

މާޒިޔާ ކުޅުންތެރިން ފަރިތަކުރުންތަކާ ގުޅުމުގެ ކުރިން ގިނަ އައު ކުޅުންތެރިންނަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ފުރުސަތު ދިންއިރު، ކޮލިފައިންއަށް އެކުލަވާލި ފައިނަލް ސްކޮޑުން ކުލަބު ވެލެންސިއާގެ މިޑްފީލްޑަރު ހަަސަން ސުފިޔާން އާއި އީގަލްސްގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހިމަށް ވަނީ ފުރުސަތު ދީފައެވެ.

ފައިނަލް ސްކޮޑުގައި ޒުވާން ގޯލްކީޕަރު އަލީފް ހިމެނިއިރު، މީގެ ކުރިން ސްކޮޑުގައި އާންމުކޮށް ހިމެނުނު ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އާއި ހަސަން ތޮލާލް (ޓޮޕްލަކް) އަށް މި ފަހަރު ޖާގަ ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އަލީފާއި ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުޙައްމަދު ފައިސަލުގެ އިތުރުން ދެން ސްކޮޑުގައި ހިމަނާފައިވަނީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.

ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އުޒްބެކިސްތާނަށް ފުރިއިރު، ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހު ނުކުންނާނީ ތައިލެންޑާއި ދެކޮޅަށެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ކުޅޭނީ ލަންކާއާ ދެކޮޅަށެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ހިމެނޭ ހަ ގްރޫޕުގެ އެއްވަަނަ ޓީމަށް އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ލިބޭއިރު، ދެން ފުރުސަތު ލިބޭނީ އެ ހަ ގްރޫޕުގެ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމަކަށެވެ.