މުނިފޫހިފިލުވުން

ޕިނޯކިއޯގެ ފިލްމުގެ ޓީޒާ، "ބްލޫ ފެއަރީ" "ޖެފެޓޯ"ވެސް


ދޮގު ހެދީމާ ނޭފަތް ދިގުވާ ޑިޒްނީގެ މަޝްހޫރު ކްރެކްޓަރ "ޕިނޯކިއޯ" އަކީ ޑިޒްނީގެ އެންމެ ކާމިޔާބު އެއް ކަޓޫނެވެ. އެތައް ޒަމާނެއް ވަންދެން ކުޑަކުދިންގެ މެދުގައި މަގްބޫލު މި ކާޓުންގެ އެކްޝަން ފިލްމެއްގެ މަސައްކަތް ޑިޒްނީން މި ވަނީ ފަށާފައެވެ.

ޑިޒްނީ ޕްލަސް އިން މިވަނީ މި ފިލްމުގެ ފުރަތަމަ ޓީޒާ ޓްރައިލަރ ޔޫޓިއުބަށް ވައްޓާލާފައެވެ. މި ޓީޒާގައިވެސް ކާޓުނުން ފެނުނު މުހިއްމު ކެރެކްޓަރތައްވެސް ފެނެއެވެ. އޭގެތެރޭގައި "ބްލޫ ފެއަރީ" "ޖެފެޓޯ" ވެސް ހިމެނެއެވެ. އެހެންނަމަވެސް އެއްވެސް ހިސާބެއްގައި "ޕިނޯކިއޯ" ދައްކާލާފައެއް ނުވެއެވެ.

ފިލްމުގައި "ޕިނޯކިއޯ" އުފައްދާ މީހާ ނުވަތަ "ޖެފެޓޯ" ގެ ރޯލުން ފެންނަނީ އޮސްކާ އެވޯޑް ވިނަރ ޓޮމް ހޭންކްސްއެވެ. " ޕިނޯކިއޯ" ގެ ރޯލުން ފެންނާނީ ބެންޖަމިން އިވާން އެއިންސްވޯތް އެވެ. "ޖެފެޓޯ"ގެ ވިޝް ފުރިހަމަ ކޮށްދޭ "ބްލޫ ފެއަރީ" ގެ ރޯލުން ފެނިގެންދަނީ ސިންތިއާ އެރިވޯއެވެ. "އޮނެސްޓް" ގެ ރޯލު ލިބިފައިވަނީ ކީގަން މިކެއިލް ކީއަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު، މި ފިލްމު ރިލީޒް ކުރާނީ ޑިޒްނީ ޕްލަސްގައެވެ.

1940 ގައި ރިލީޒްކުރި "ޕިނޯކިއޯ" ކާޓޫނަކީ ޑިޒްނީ ދެވަނައަށް އުފެއްދި އެންމެ ދިގު އެނިމޭޓް ފިލްމެވެ، އަދި މި ކާޓޫން ވެގެންގޮސްފައިވަނީ އޮސްކާގެ ގިނަ އެވޯޑްތަކެއް އުފުލާލި ކާޓޫނަކަށެވެ. އެގޮތުން ބެސްޓް އޮރޮޖިނަލް ސްކޯ، ބެސްޓް ސޯންގެ އޮސްކަރވެސް ވަނީ މި ކާޓޫނަށް ލިބިފައެވެ.